Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

ޑްރަގް އެތެރެކުރާ މީހުންނަށް ދެން މަރުގެ އަދަބު ދެވޭނެ

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް އަމަލު ކުރަން ފަށައިފި އެވެ.

އެ ގާނޫނަށް އަމަލުި ކުރަން ފެށީ އިއްޔެ އެވެ.

މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 3 ގަ އެވެ. އެ ބިލު ރައީސް ޑރ. މުޙައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ ބިލު ފާސްވިތާ ތިން ދުވަސް ފަހުންނެވެ.

އެ ގާނޫނަށް އަމަލުކުރަން ފަށަން ކަނޑައަޅާފައިވާ ތިން މަސް ދުވަހުގެ މުއްދަތު އިއްޔެއަށް ހަމަވުމާއެކު، މިހާރު މި އިސްލާހު ވަނީ ތަންފީޒީ މަރުހަލާއަށް އައިސްފައެވެ.

އަލަށް އަމަލުކުރަން ފެށި މި އިސްލާހުގެ ދަށުން މަރުގެ އަދަބު ކަނޑައެޅޭނީ ވަކި އުސޫލުތަކަކަށް ފެތޭ ހާލަތްތަކުގައެވެ.

މަރުގެ އަދަބު ކަނޑައެޅޭނީ:

* އެތެރެކުރާ މަސްތުވާތަކެއްޗަކީ 350 ގްރާމަށްވުރެ އިތުރު ކެނެބިސްއަށް ވުން
* އެތެރެކުރާ މަސްތުވާތަކެއްޗަކީ 250 ގްރާމަށް ވުރެ އިތުރު ޑައިމޯފިން އަށް ވުން.
* ކެނެބިސް އަދި ޑައިމޯފިންގެ އިތުރުން ގާނޫނުގައި ބުނާ ޖަދުވަލު އެކެއްގައި ހިމެނޭ މަސްތުވާތަކެތި ނަމަ، އެތެރެކުރާ މިންވަރު 100 ގްރާމަށް ވުރެ އިތުރުވުން

މި ގާނޫނުގައިވާ ގޮތުން، މަސްތުވާތަކެތި އެތެރެކުރާ މީހަކަށް މަރުގެ އަދަބު ދެވޭނީ ސުޕްރީމް ކޯޓުން މައްސަލަ ނިންމައި، އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ އިއްތިފާގުވާ ހާލަތުގައެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާ ވަރަށް ބޮޑު މައްސަލައެއްގައި ގޮތުގައި އޮތް އިރު، ސަރުކާރުން ވަނީ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް އެންމެ ހަރުކަށި އަބަދުދޭނެކަމުގެ ޔަގީންކަން ތަކުރާރުކޮށް ދީފަ އެވެ.