Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ތެލުގެ އަގު މުރާޖައާކޮށްދޭން ޓެކްސީ ޑްރައިވަރުން ގޮވާލައިފި

ތެލުގެ އަގު މުރާޖައާކޮށްދޭން މޯލްޑިވްސް ޑްރައިވާސް އެސޯސިއޭޝަނުން ސަރުކާރަށް ގޮވާލައިފި އެވެ.

މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައި ވާތީ މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން އެސްޓީއޯ އިން ވަނީ 13.50ރ. ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއް 16.01ރ. އަށް ބޮޑުކޮށްފަ އެވެ. އެއީ 2.51ރ. ގެ އިތުރުވުމުކެވެ.އަދި ޑީސަލް ލީޓަރެއްގެ އަގު ވަނީ 13.92ރ. އިން 17.54ރ. އަށް ބޮޑުކޮށްފަ އެވެ. އެއީ 3.62ރ. ގެ އިތުރުވުމެކެވެ.

މިކަމާއި ގުޅިގެން ކުރި ޕޯސްޓުގައި ޑްރައިވަރުންގެ އެސޯސިއޭޝަނުގެ ރައީސް އިބްރާހިމް ނިޔާޒު ވިދާޅުވީ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ކަންކޮޅުތަކުގެ މުއްސަނދިން ރާއްޖެ އައިސް ޕްރައިވެޓް ޖެޓްތަކުން އެއާޕޯރޓް ފުރާލާފައިވާ ކަމަށާއި އަދި ސަރުކާރުން ތެލުގެ އަގު ބޮޑުކުރީ އެއްމަސް ދުވަހުގެ ތެޔޮ ސްޓޯކޮށްފައި ހުރިކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިތާ ދެ ދުވަސްފަހުން ކަމަށެވެ.

ތެޔޮ އަގުބޮޑު ކުރުމުން ދޭހަކޮށްދެނީ ޙާލަތުގެ ނާޖާޢިޒު ފައިދާ ނެގުން ކަމުގައި އޭނާ ވަނީ ސިފަކުރައްވާފަ އެވެ.

"ތެޔޮ އަގުބޮޑު ކުރުމުން ދޭހަކޮށްދެނީ ސަރުކާރުން ސިލްސިލާކޮށް ޓެކްސީ ޑްރައިވަރުންނަށް ދަތިކުރަމުންދާ ދަތިކުރުމަށް އިތުރުކުރި ‘ބޮޅެއް’ ގެ ގޮތުގައި." ނިޔާޒް ވިދާޅުވި އެވެ.

މީގެ އިތުރުން ނިޔާޒް ވަނީ ތެލުގެ އަގު މިހާ ބޮޑުތަނުން އުފުލާފައިވާ އުފުލުން މުރާޖަޢާ ކުރަން ސަރުކާރަށް ގޮވާލާފަ އެވެ.