Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ޝީޝާ މަނާކޮށް، ހަކުރުން ސަބްސިޑީ ކަނޑާކަށް ނޫޅެން

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ޝީޝާ މަނާކޮށް، ހަކުރުގެ ބާވަތްތަކުން ސަބްސިޑީ ކެނޑުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި ބޭނުންވަނީ އެކަންކަމާ މެދު ރައްޔިތުން ހޭލުންތެރިކުރުވަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ "ދަ ގްރޭޓާ އައްޑޫ" ސިޔާސަތު އިފްތިތާހުކުރުމަށް އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ރާއްޖޭގައި އިތުރު ކަންކަން "ބޭން" ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން އިތުރުކަންކަން ބޭންކުރުމަކީ. އަޅުގަނޑުމެން ނޫޅެން ޝީޝާ ބުއިން ބޭންކުރާކަށް، ހަކުރުގެ ސަބްސިޑީ ކަނޑާލާކަށް. ނަމަވެސް އެވެއާ ކުރަން ބޭނުމަކީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި ހުރި ބައެއް އާދަތައް މަނާކުރުމަކީ ހައްލެއް ލިބޭނެ ކަމެއް ނޫން ކަމަށާއި ނަމަވެސް އެކަންކަމާ ގުޅޭ ގޮތުން ސިއްހީ ގޮތުން މީހުން ހޭލުންތެރިކުރުމަކީ ސަރުކާރުން ކުރާނެ ކަމެއް ކަމަށެވެ. އެއާއެކު، ސިއްހަތަށް ފައިދާހުރި ކާބޯތަކެތި ކަމަށްވާ މޭވާއާއި ތަރުކާރީ އުފެއްދޭނެ ގޮތާއި އަގުހެޔޮކޮށް އެ ތަކެތި ލިބޭނެ ގޮތް ހެދުމަކީ މި ސަރުކާރުން ތަންފީޒުކުރާނެ ސިޔާސަތުކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވިއިރު، ޝީޝާއާއި ހަކުރު އެކުލެވޭ ބުއިންތަކާ ގުޅޭ މަޝްވަރާތައް ސަރުކާރުން އެކި ފަންތީގައި ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު ޢަބްދުالله ނާޒިމް އިބްރާހީމް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ވިދާޅުވެފަ އެވެ.