Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

އައްޑޫގައި އިންވެސްޓްކުރަން ތައްޔާރުވޭ، ކުރިއަށް އޮތީ ރަން ޒަމާނެއް

އައްޑޫ ސިޓީގައި އިންވެސްޓްކުރަން ތައްޔާރުވުމަށާއި އެ ސިޓީގައި ކުރިއަށް އޮތީ ރަން ޒަމާނެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ "ދަ ގްރޭޓާ އައްޑޫ" ސިޔާސަތު އިފްތިތާހުކުރުމަށް އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ހަބަކަށް އައްޑު ހެދުމަށްޓަކައި ސަރުކާރުން ނިންމާ އެކަމުގެ ސިޔާސަތު ރިޔާސީ ބަޔާނުގައި އިއުލާނު ކުރެއްވި ކަމަށާއި މިއަހަރުގެ ތެރޭގައި އެކަމާ ގުޅޭ ޤާނޫނީ އަދި އިދާރީ މަސައްކަތްތައް ނިންމައި އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން އެކަމަށް އަމަލުކުރަން ފަށާނެ ކަމަށެވެ.

"މިއަހަރު ތެރޭގައި އެކަމާ ގުޅޭ ޤާނޫނީ އަދި އިދާރީ މަސައްކަތްތައް ނިންމާ، 1 ޖެނުއަރީ 2027 އިން ފެށިގެން ތިން އަހަރު ދުވަހަށް އައްޑޫސިޓިއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކޮށް، އިތުރުފަރާތްތައް އިންވެސްޓްކޮށް، ކުދި އަދި މެދުފަންތީގެ އެކިކަހަލަ ވިޔަފާރިތަކަށް އިންވެސްޓްކުރާނެ ރަން ޒަމާނަކަށް އެ ތިން އަހަރު ހެދުމަށްޓަކައި ބިމު ކުއްޔާއި، ޓެކްސް ފްރީކޮށް، ޓެކްސް ފްރީ ޒޯނަކަށް ހަދައިދީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިއަރައިގެން ދިއުމުގެ ވަރަށް ފުރިހަމަ ފުރުސަތުތަކެއް 1 ޖެނުއަރީން 2027 އިން ފެށިގެން ތިން އަހަރަށް ހުޅުވާލުމަށް ސަރުކާރުން ނިންމާފައިވަނީ.“ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިކަމަށް ބޭނުންވާ ޤާނޫނީ އަދި އިދާރީ ކަންކަން މިއަހަރު ތެރޭގައި ކުރިއަށްދާނެ ކަމަށާއި ހުރިހާ ފަރާތްތަކުންވެސް އައްޑޫގައި އިންވެސްޓް ކުރުމަށް ތައްޔާރުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

”ހުރިހާ ފަރާތްތައް ތައްޔާރުވާންވީ އައްޑޫސިޓީއަށް ގޮސް އިންވެސްޓް ކުރަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ މިފަދަ ކަންކަމަށް އެންމެ ފަސޭހައިން ހުރަސްއެޅޭނެ ބަޔަކީ ކައުންސިލްތައް ކަމަށާއި، ބިން ތަކަކީ ކައުންސިލްތަކުގެ ދަށުގައި އޮންނަ އެއްޗެއް ކަމަށެވެ. އަދި ކައުންސިލުން ކޮށްލާ ކުޑަކުޑަ ކަމަކުން ސަރުކާރަށް މިފަދަ ބިންތައް ސަރުކާރަށް ނުދީ ކައުންސިލަށް ހިފަހައްޓާލެވޭނެ ކަމަށާއި އެހެންކަމުން ސަރުކާރާއި އެއް ވިސްނުމެއްގައި އޮތް ކައުންސިލެއް އަދި މޭޔަރެއް އައްޑޫގައި ނެތްކަމަށް ވާނަމަ ވަރަށް ފަސޭހައިން މިކަންކަން ހުއްޓުވާލެވިދާނެ ކަމަށްވެސް ވިދާޅުވި އެވެ.