Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

އިދިކޮޅަށް އައްޑޫގެ މެޖޯރިޓީ ނުދޭތި، ތަރައްގީއަށް ހުރަސްއަޅާނެ

އިދިކޮޅު ސިޔާސީ ވިސްނުމުގެ ބަޔަކަށް އައްޑޫ ސިޓީ ކައުންސިލްގެ މެޖޯރިޓީ ދިނުމުން ތަރައްގީގެ ކަންކަމަށް ހުރަސްއެޅުމުގެ ކަންތައްތަކެއް ހިންގުމަށް މަސައްކަތް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ "ދަ ގްރޭޓާ އައްޑޫ" ސިޔާސަތު އިފްތިތާހުކުރުމަށް އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓުދޭން ޖެހެނީ ތަރައްގީގެ މަސައްކަތްތަކަށް ހުރަސްއަޅާނެ ބަޔަކަށް ކައުންސިލަރުން ވިޔަ ނުދިނުމަށްޓަކާ ކަމަށާއި ލާމަރުކަޒީ ނިޒާމުގައި ކައުންސިލްތަކަކީ ވަރަށް ގިނަ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި ބާރުތައް ދީފައި އޮންނަ ބައެއް ކަމަށްވާއިރު މި ބާރުތައް ބޭނުންކޮށްގެން ވަރަށް ގިނަ ކަންކަން ހުއްޓުވައި ހުރަސްތައް ކުރިމަތި ކުރެވޭނެ ކަމަށެވެ.

"ސިޔާސީ ވިސްނުމުގައި، އަޅުގަނޑުމެންނާ ދެކޮޅު ސިޔާސީ ވިސްނުމުގެ ބަޔަކަށް އައްޑޫ ސިޓީގެ މެޖޯރިޓީ ނޫނީ މޭޔަރުގެ މަގާމު ފަދަ މުހިންމު މަގާމުތައް ދީފިކަމުގައި ވާ ނަމަ، އެ ބާރުތައް ބޭނުންކޮށްގެން ކޮށްލާ ކުޑަކުޑަ ކަމަކުން އެތައް މަހެއް ފަހަތަށް ޖައްސާލެވޭނެ." ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އެ ކަހަލަ ކަންކަން ކުރުމަށް ހަމަ އެއްވެސް ފުރުސަތެއް ނުދިނުމަށް އިލްތިމާސްކުރައްވާފަ އެވެ.

""ހަމައެކަނި އައްޑޫ ސިޓީއެއް ނޫން، މުޅި ރާއްޖޭގެ ހުރިހާ ކައުންސިލްތަކުން ވެސް ކުރިއަށް އޮތް އިންތިހާބުގައި އަޅުގަނޑުމެންގެ ކެންޑިޑޭޓުން ހޮވުމުގައި އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ މިއީ. އެ ފުރުސަތު ދިނުމުގެ އެއްވެސް ބޭނުމެއް ނެތް،" ރައީސް ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބަކީ އާއިލާތަކުގެ މެދުގައި ވަރަށް ބޮޑަށް، އާއިލީ ވިސްނުމުގައި ވޯޓު ދޭ އިންތިހާބަކަށް ރާއްޖޭގައި ވެފައި އޮތް ނަމަވެސް، މުޅި ސިޓީ ނޫނީ މުޅި ރަށުގެ ތަރައްގީ އަށް އިސްކުރަން ޖެހޭ މަސްލަހަތު އިސްކުރުމަކީ ކޮންމެ މީހެއްގެ ޒިންމާއަކަށް ވާންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.