Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

"ދަ ގްރޭޓާ އައްޑޫ" އަކީ ތަރައްގީގެ އާ މަރުހަލާގެ ބިންގާ

ވެރިކަން ކުރާ ޕީއެންސީގެ "ދަ ގްރޭޓާ އައްޑޫ"ގެ ތަސައްވުރަކީ އައްޑޫގެ ތަރައްގީގެ އާ މަރުހަލާގެ ބިންގާ ކަމަށް، އައްޑޫގެ ޕީއެންސީގެ މޭޔަރު ކެންޑިޑޭޓު މުޝްރިފު އަލީ ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ "ދަ ގްރޭޓާ އައްޑޫ" ސިޔާސަތު އިފްތިތާހުކުރުމަށް އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން މުޝްރިފް ވިދާޅުވީ ދަ ގްރޭޓާ އައްޑޫގެ ތަސައްވުރަކީ ހަމައެކަނި ޗާޓެއްގައި ކުރަހާ ކުރެހުމެއް ނޫން ކަމަށާއި މިއީ އިގްތިސާދީ ގޮތުން ވަރުގަދަ އަދި ދެމެހެއްޓެނިވި މުސްތަގުބަލަކަށް އައްޑޫ ތައްޔާރުކުރުމުގެ މަސައްކަތެއް ކަމަށެވެ.

އައްޑޫ އަކީ ތަރައްގީއަށް ބޭނުންވާ ހުރިހާ ސިފަތަކެއް ފުރިހަމަވެފައިވާ ތަނެއް ކަމަށާއި އެގޮތުން ޓޫރިޒަމްގެ ތަޖުރިބާކާރުންނާއި އާ އީޖާދުތަކަށް ލޯބިކުރާ ޒުވާނުން ވެސް އައްޑޫގައި އެބަތިބި ކަމަށް މުޝްރިފް ވިދާޅުވި އެވެ. އަދި އިންޑިއާ ކަނޑުގެ މުހިއްމު މަގަކަށް އައްޑޫ ވާއިރު، އައްޑޫ އަކީ ޒަމާނުއްސުރެ އިންސާނީ ވަސީލަތްތަކާއި ދޭދޭ ގުޅުމާއި އަދި ވިޔަފާރި ގުޅުވައިދޭ މައި މަރުކަޒެއް ކަމަށްވެސް ވިދާޅުވި އެވެ.

މުޝްރިފް ވިދާޅުވީ ހަމައެކަނި ގާބިލުކަން ހުރުމުން އެކަނި ރައްޔިތުން އެދޭފަދަ ސިޓީއަކަށް އައްޑޫ ބަދަލުނުކުރެވޭނެ ކަމަށާއި މިއީ އާ ބިންގަލެއް މަތީގައި ފައިތިލަ ސާބިތުކޮށް، ހިތްވަރާއި ވިސްނުންތަކާއެކު ނިކުންނަންވީ ވަގުތު ޖެހިފައިވާ ކަމަށެވެ. އަދި ސިޓީތައް ކުރިއަރަނީ ފުރުސަތުތަކުގެ ބޭނުން ހިފޭނެ ފަދަ ހަރުދަނާ ނިޒާމެއްގެ ތެރެއިން އާ ހިޔާލުތަކަށް ފުރުސަތުދީ އަދި އިންވެސްޓްމެންޓުތަކަށް މަރުހަބާ ކިޔައި ރައްޔިތުންގެ އިތުބާރު ހޯދައިގެން ކަމަށް މުޝްރިފް ވިދާޅުވި އެވެ.

"ދަ ގްރޭޓާ އައްޑޫގެ ތަސައްވުރަކީ އައްޑޫގެ ތަރައްގީގެ އާ މަރުހަލާއެއްގެ ބިންގާ. މިއީ އަމިއްލަވަންތަ ކަމާއި އިގްތިސާދީ ފުރުސަތުތައް ގުޅުވައިދޭ ބިންގާ،" މުޝްރިފް ވިދާޅުވި އެވެ.

މުޝްރިފް ވަނީ މި މަގުން ހޯދާނެ ކާމިޔާބީ އަކީ ހަމައެކަނި އައްޑުއަށް އޮތް ފައިދާއެއް ނޫން ކަމަށާއި މިއީ މުޅި ރާއްޖޭގެ އިގްތިސާދަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށްވެސް ވިދާޅުވި އެވެ. އަދި ވަރުގަދަ އައްޑޫއެއްގެ މާނައަކީ މުޅި ދެކުނު ސަރަހައްދު ވެސް ބާރުވެރިގެން ދިޔުން ކަމަށްވެސް ވިދާޅުވި އެވެ.