ހުޅުމާލޭގެ ފޭސް 1 ގައި ހުންނަ "ކްލީން ޕްލޭޓް" ނަމަކަށް ކިޔާ ކެފޭގެ ބަދިގޭގައި އަލިފާން ރޯވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު ރޭ މެންދަމު 02:20 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސްފައިވާ ކަމަށާއި މިގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން ބަދިގޭގައި ރޯވި އަލިފާން ނިއްވާލެވުނީ ރޭ މެންދަމު 02:34 ހާއިރު ކަމަށެވެ.
މި ހާދިސާގައި އަލިފާން ރޯވެފައިވަނީ ކެފޭގެ ބަދިގޭގައި ބޭނުންކުރަމުން އައި ގޭސްފުޅީގައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. މި ހާދިސާގައި ކެފޭގެ ބަދިގޭގެ އެކިބައިތަކަށް ވަނީ ގެއްލުން ވެފަ އެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވެ އެވެ.