Last Updated: June 29, 06:08
Monday, June 29, 2026
ޚަބަރު

ދެ އިންތިހާބު އެއްކޮށްލުމަކީ ގައުމީ ޖިހާދެއް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ގައުމީ ބޮޑު ޖިހާދެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ދާދިފަހުން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މި ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ވަނީ ނިންމައިފަ އެވެ.

ޕީއެންސީގެ "ދަ ގްރޭޓާ އައްޑޫ" ސިޔާސަތު އިފްތިތާހުކުރުމަށް އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ފަލާހު ވިދާޅުވީ އިންތިހާބުތައް މަދުވުމަކީ، ހަމަޖެހިލައިގެން ގައުމަށް އަމާންކަމާއެކު ދަތުރުކުރަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށާއި މިވަރުގެ ފުރުސަތެއް ދެން ނުލިބޭނެ ކަމަށެވެ. އިދިކޮޅުން ދައްކަމުންދާ ވާހަކަތަކުގައި ޖެހިގެން އެފަދަ ފުރުސަތެއް ގެއްލުވާނުލުމަށާއި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ މިހާތަނަށް އައިރު ދިވެހިން އެއްބަސްވާ ކަމެއް ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.

އަދި ދެ އިންތިހާބު އެއްކޮށްގެން ރިޔާސީ ދައުރު ދަންމާލަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ދޮގުކުރައްވަމުން ފަލާހު ވިދާޅުވީ އެ ދެ އިންތިހާބު އެއްކޮށްލައިގެން ރިޔާސީ އިންތިހާބު ދަންމާލެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

ފަލާހު ވިދާޅުވީ، އެ ހިޔާލު ހޯދުމުގެ ވޯޓަކީ ސަރުކާރަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުން ރައީސް މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމުގެ މަތިންވާ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށެވެ. އަދި ދެ އިންތިހާބު އެއްކޮށްލުމަކީ ރައީސް މުއިއްޒު ކުރައްވާ ގައުމީ ބޮޑު ޖިހާދެއްކަން ފާހަގަކުރައްވައި ފަލާހު ވަނީ، ޕީއެންސީ މަޖިލިސް މެންބަރުން އެ ގުރުބާނީ ވަނީ، "ރައީސްގެ އެ ޖިހާދުގައި ބައިވެރިވާން" ކަމަށްވެސް ވިދާޅުވެފަ އެވެ.