ޕީއެންސީގެ ކޮންގްރެސް މި އަހަރުގެ އޮކްޓޯބަރުގައި ބާއްވަން ނިންމައިފި އެވެ.
އެކަން ހާމަކުރެއްވީ އެ ޕާޓީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އައްޑޫގެ މެނިފެސްޓޯ ލޯންޗްކުރަން ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
އެ މަނިކުފާނު ވިދާޅުވީ ޕީއެންސީގެ ކޮންގްރެސް އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ބާއްވާ ގޮތަށް ޕާޓީގެ ލީޑަޝިޕުން މިހާރު ނިންމާފައިވާ ކަމަށެވެ. އަދި މިއީ ޕާޓީގެ ތެރެއިން ސިޔާސީ ގޮތުން ކުރިއަށްދިއުމަށްޓަކައި ބޭނުންވާ މެންބަރުންނަށް ލިބޭ ވަރަށް މުހިއްމު ފުރުޞަތަކަށް ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މި ކޮންގްރެސްއަކީ ވަރަށް އިންސާފުވެރިކަމާއެކީ އަޅުގަނޑުމެން ބާއްވާނެ ވަރަށް ދެފުށްފެންނަ ވަރަށް ފުރިހަމަ ކޮންގްރެސްއަކަށް އިރާދަކުރެއްވިއްޔާ ވާނެ،" ރައީސް ވިދާޅުވި އެވެ. މި ޕާޓީން ކަންކަން ކުރާނީ އަބަދުވެސް އަޅުގަނޑުމެން ކުރާގޮތަށް ވަރަށް އޯގަނައިޒްކޮށް، ވަރަށް ތަރުތީބުން ދެފުށްފެންނަ ގޮތަށް."
ރައީސް ވިދާޅުވީ ޕީއެންސީ 2023 ގެ ނޮވެމްބަރުގައި ވެރިކަމަށް އައި އިރު، 3،000 މެންބަރުންނާއެކު ފެށުނު ނަމަވެސް، މިހާރު އެ އަދަދު 75،000 އަރާފައިވާ ކަމަށެވެ. އަދި އެ ޕާޓީގެ އަމާޒުހުރީ މެންބަރުންގެ އަދަދު 100،000 އަށް ވުރެ އިތުރުކުރުން ކަމަށް ވިދާޅުވި އެވެ.
ޕީއެންސީ އަކީ މިހާރު ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެވެ.
ރައީސް ވިދާޅުވީ ޕީއެންސީ އަކީ ވަކި މީހެއްގެ އެއްޗެއް ނޫން ކަމަށާއި އެ ޕާ ޓީއަކީ ހުރިހާ މެންބަރުންގެ ޕާޓީއެއް ކަމުން، ޕީއެންސީން ޕްރޮމޯޓު ކުރާނީ ޕާޓީ ކަމަށެވެ. އަދި އެ ޕާޓީ ނިޒާމަށް ފުރިހަމައަށް ތަބާވާ، ޕާޓީ ނިޒާމު ކުރިއެރުވުމަށްޓަކައި މަސައްކަތްކުރާ، ޑިމޮކްރަސީއަށް ލޯބިކުރާ ޕާޓީއެއް ކަމަށް ވެސް ވިދާޅުވި އެވެ.