Last Updated: June 5, 11:07
Friday, June 5, 2026
ކޮލަމް

ގަލްފު ޢަރަބި ގައުމުތަކުގެ މި ވަގުތުގެ ޙާލަތު!

ހާލިދު ސަޢީދު އައްޠާހިރް އަކީ ޢަރަބި ލިއުންތެރިއެކެވެ. އޭނާ ފޭސްބުކްގައި ލިއުއްވާފައިވެ އެވެ؛ "އަހަރެންނަކީ އަހަރެމެންގެ ޢަރަބި ވެރިންގެ އަތުން ބަލިވެފައިވާ ކަމަށް އިޢުތިރާފް ކުރާ މީހަކީމެވެ. އޭ ދުނިޔޭގެ މީސްތަކުންނޭވެ. އަހަރެމެން ޢަރަބިން މިއަދު ވަނީ ތިޔަބައިމީހުން ފަދައެއް ނޫނެވެ. މޮޅު ވާހަކަ ދެއްކުމަކުން ނުވަތަ މާނައެއް ނެތް ޢަސްކަރީ ޕެރޭޑްތަކަކުން އެއްވެސް ނަޞްރެއް ލިބޭނެ ތަނެއް އަހަންނަކަށް ނުފެނެ އެވެ. ޢަރަބި ދައުލަތްތަކުގައި ޖުމްލަ ދޭއް ބައި މިލިއަން ސިފައިން އެބަ ތިއްބެވެ. އެހުރިހައި ޢަރަބި ސިފައިންވެގެން ބެންޖަމިން ނަތަންޔާހޫގެ ބޮލުން އިސްތައްޓެއް އުފުރާލެވިދާނެ ކަމަކަށް ވެސް އަހަރެން ގަބޫލެއް ނުކުރަމެވެ.

​ޢަރަބި ލަޝްކަރުތަކަށް ހޭދަ ކުރުމަށް ކަނޑައަޅާފައިވާ 200 ބިލިއަން ޑޮލަރުގެ ބަޖެޓަކީ އަހަރެމެންގެ ދުޝްމަނުންނާ ކުރިމަތިލުމަށް ހޭދަކުރެވޭނެ އެއްޗެއް ކަމަކަށް އަހަރެން ގަބޫލެއް ނުކުރަމެވެ. އަހަރެން ދެކެނީ އެ ފައިސާ ހޭދަކުރެވެނީ އަހަރެމެންގެ ރައްޔިތުންގެ މުއްސަނދިކަން ފޭރުމަށާއި، ނާޒުކު ދަނޑިވަޅުތަކުގައި އަހަރެމެންގެ ރައްޔިތުން ޙިޞާރުކޮށް ހިފެހެއްޓުމަށް ކަމަށެވެ.

އަހަރެމެންގެ ގައުމުތަކަކީ ދުޝްމަނުންގެ އަތްމަތީގައިވާ ކުޅޭކުޅޭ ފުށްގަނޑުތަކެކެވެ. އަހަރެމެންގެ ހަތިޔާރުތައް އަންނަނީ އެމީހުންގެ ފެކްޓްރީތަކުންނެވެ.

އެތަކެތީގެ ކޮންޓްރޯލް ވަނީ އެމީހުންގެ އަތް މަތީގައެވެ. އަހަރެމެންގެ ކާނާ އަންނަނީ އެމީހުންގެ ފެކްޓްރީތަކުންނެވެ. އަހަރެމެންގެ އަންނައުނު އަންނަނީ އެމީހުންގެ ފެކްޓްރީތަކުންނެވެ. އެހެންވީއިރު، އަހަރެމެންނަށް އެމީހުންނާ ކުރިމަތިލެވޭނީ ކިހިނެއް ހެއްޔެވެ؟

​އޭ ޢަރަބި ވެރިންނޭވެ! މިހާރު އީރާނަށް ހަމަލާދެވެމުން އެދަނީ އެގައުމުގައި އެގައުމުގެ އަމިއްލަ މިނިވަން ސިޔާދަތީ މަޝްރޫއެއް އޮތުމުންނެވެ. ތިޔަބައިމީހުންގެ އަތުގައި އޮތީ ކޯއްޗެއް ހެއްޔެވެ؟"

މި ލިއުންތެރިޔާ ވަރަށް އަސަރާއި އެކުގައި އެ ލިޔެފައި ވަނީ ކަންތައް މިއަދު އޮތް ގޮތެވެ.

ޢަރަބިންނަކީ އިސްލާމީ އުންމަތް ކުރިއަރުވައި، ޙިމާޔަތް ކުރުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތު އުފުލަން ޖެހޭ މީހުންނެވެ. އެމީހުން އެކަމަށް ނުކުޅަދާނަ ވީ ކޮންމެ ޒަމާނެއްގައި އެހެން ގައުމު ތަކުގެ ފަހުލަވާނުން ވަނީ އެ ޒިންމާ އަދާކޮށްފައެވެ. ތަތާރުން ބަލިކުރީ މިޞްރުގައި ވެރިކަން ކުރަމުން އައި ސެންޓްރަލް އޭޝިއާގެ ހަނގުރާމަވެރި އަޅުންގެ (މަމްލޫކީ) ރަސްކަމުންނެވެ. ދެން އައީ ތުރުކީ މީހުންނެވެ. ތުރުކީ ޢުސްމާނީ ދައުލަތެވެ. މިއަދު އެހެން ބަޔަކު އެވަނީ އެމީހުންގެ ގައުމީ މަސްލަޙަތު ސަލާމަތް ކުރުމާއިއެކު މި ބޮޑު "ކިފާޔަތުގެ ފަރުޟު" އަދާ ކުރެވޭތޯ ހިތްވަރާ އެކު ތެދުވެފަ އެވެ.

ނޯޓް: މިއީ ޑރ. މައުރޫފް ހުސައިންގެ ލިޔުއްވުމެކެވެ.