Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

އަދުހަމް ޕީއެންސީ އަށް ސޮއިކޮށްފި

އަދުހަމްގެ ފޯމު ރައީސް މުއިއްޒާ ހަވާލު ކުރަނީ.

އެމްޑީޕީގައި ކުރިން ވަރަށް އިސްކޮށް އުޅުއްވި އަދި އެ ޕާޓީގެ ފޭދޫ ދާއިރާގެ ރައީސްކަން ވެސް ކުރައްވައި ފަހުން ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތް އަހުމަދު އަދުހަމް، ވެރިކަން ކުރާ ޕާޓީ، ޕީއެންސީއާ ގުޅިވަޑައިގެންފި އެވެ.

އޭނަ އެ ޕާޓީ އަށް ސޮއިކުރައްވައި ފޯމު ހަވާލުކޮށްފައި ވަނީ އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ޕީއެންސީގެ އަައްޑޫ މެނިފެސްޓޯ ލޯންޗްކުރަން ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގަ އެވެ.

އަދުހަމްގެ މެމްބަޝިޕް ފޯމާ ހަވާލުވެވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މިރުޒާދުގެ ފޯމު ރައީސް މުއިއްޒާ ހަވާލު ކުރަނީ.

އަދުހަމަކީ އެމްޑީޕީގެ ކުރީގެ ދެ ސަރުކާރުގައި ވެސް އިސް މަގާމުތަކެއް އަދާކުރެއްވި ބޭފުޅެކެވެ. އެގޮތުން އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އޭނަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވި އެވެ. އެ މަގާމަށް އޭނަ އައްޔަންކުރީ އޮގަސްޓް 8، 2020 ގަ އެވެ.

ޕޯސްޓްގެ ޑީއެމްޑީގެ މަގާމުން އަދުހަމް ވަކިކުރީ 2023 ގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

އަދުހަމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި ކުރީގެ ދެކުނު ޕްރޮވިންސް އޮފީހުގެ އިސް މަގާމެއް ވެސް ފުރުއްވި ބޭފުޅެކެވެ. އޭނަ އަކީ މިހާރު ސްޓެލްކޯގެ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރްގެ އެއްބަނޑު އެެއްބަފާ ބޭބެ އެވެ.

ޒާހިރާގެ ފޯމު ރައީސް މުއިއްޒާ ހަވާލު ކުރަނީ.

އަދުހަމްގެ އިތުރުން ޕީއެންސީގެ ރޭގެ ޖަލްސާގައި ފޭދު އަށް ނިސްބަތްވާ އެމްޑީޕީ އަދި ޑިމޮކްރެޓްސްގެ ބައެއް މެންބަރުން އެ ޕާޓީ އަށް ސޮއިކޮށްފައިވެ އެވެ. އޭގެ ތެރޭގައި ފޭދޫގެ ކުރީގެ ކައުންސިލަރު އަހުމަދު މިރުޒާދުގެ އިތުރުން އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މިހާރުގެ ނައިބު ރައީސް ހައްވާ ޒާހިރާ ހިމެނެ އެވެ.