ލާމަރުކަޒީ ނިޒާމުގައި އަންހެނުންގެ ޝާމިލުވުމާއި، ބައިވެރިވުން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށް ލޯކަލް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ އަންހެނުންގެ ދުވަހާ ގުޅިގެން މިނިސްޓަރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ލާމަރުކަޒީ ނިޒާމުގައި އަންހެނުންގެ ޝާމިލުވުމާއި، ބައިވެރިވުން އިތުރު ކުރުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
އެގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ދައުރު ފުޅާކޮށް، އެ ކޮމެޓީތަކުގެ މަސައްކަތަށް ފަހިކަން ގެނައުމަށްޓަކައި ފުރިހަމަ ކުރަން ޖެހޭ ނިޒާމީ ކަންކަމާއި، އިދާރީ ކަންކަމާއި، އަދި ތިޖާރީ ކަންކަން މިހާރު ކުރެވެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާގެ މަޤާމަކީ ފުލްޓައިމް މަޤާމެއްގެ ގޮތުގައި ހަމަޖެއްސުން ފާހަގަކޮށްލެވޭ. އަލަށް އިމާރާތްކުރާ ކައުންސިލް އިދާރާތަކުގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް މަސައްކަތް ކުރާނެ ޖާގަ ތަނަވަސް ކުރެވިފައިވާކަން ފާހަގަ ކުރަން. މިފަދަ ބަދަލުތަކާއެކު ދިވެހި އަންހެނުންގެ ކުރިމަގު އުޖާލާވަމުންދާކަން އުފަލާއެކު ފާހަގަ ކުރަން." މިނިސްޓަރު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ރާއްޖޭގެ ސިޓީތަކާއި އަތޮޅުތަކާއި ރަށްތައް އިޖުތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ކުރިއަރައި، އިޖުތިމާޢީ ޢަދާލަތު ޤާއިމު ކުރުމަށް ޓަކައި ރައްޔިތުންނާ އެކުގައި މަސައްކަތް ކުރުމަކީ ޤާނޫނުއަސާސީން ވެސް ބާރުއަޅާ ކަމެއް ކަމަށެވެ. އެ މަގުން ކަންކަން ތަރުތީބު ކުރުމަށް އެންމެ ބޮޑަށް މަގުފަހިކޮށް ދެނީ ލާމަރުކަޒީ ނިޒާމު ކަމަށް ވެސް ވިދާޅުވި އެވެ.