Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ދެ އިންތިހާބު އެއްކޮށްލުމުން މުއިއްޒަށް ލަނޑެއް ލިބިދާނެ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލައިގެން 2028 ގައި ރައީސް މުހައްމަދު މުއިއްޒަަށް ލިބިވަޑައިގަންނަވާނީ ބޮޑު ލަނޑެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިބޫ9 ވިދާޅުވެއްޖެ އެެވެ.

އެމްޑީޕީން ރޭ ކ. މާފުށީގައި ބޭއްވި ކައުންސިލް އިންތިހާބުގެ ކެމްޕޭން ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، ގާނޫނުއަސާސީއަށް ބޭނުންހާ ގޮތަކަށް އިސްލާހުތައް ސަރުކާރުން ގެންނަމުންދާ އިރު، ގާނޫނުއަސާސީ ތަރުތީބުކުރެވިފައި އޮތީ ނުވިސްނައި ނޫން ކަމަށެވެ.

އިބޫ ވިދާޅުވީ ބޮޑު ދެ އިންތިހާބު އެެއްކޮށްލުމަކީ ރައީސް މުއިއްޒުގެ ވައުދެއް ވެސް ނޫން ކަމަށާއި އެކަމަކު މިހާރު އަމިއްލަ ފައިދާއަށް ކަންކަން ކުރަން ހަދައިގެން ބޮޑު ލަނޑެއް ވެސް ލިބިދާނެ ކަމަށެވެ. ދެހާސް އަށެއްގެ ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބުކުރި އިރު، އޭރުގެ ރައްޔިތުންގެ މަޖިލިސް ރައީސް މައުމޫން އަބްދުލްގައްޔޫމަށް ކާމިޔާބުވެގެންދިޔަ ގޮތަކީ އެފަދަ މިސާލެއް ކަމަށް އިބޫ ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އޭގެ ކުރިން ގާނޫނުއަސާސީ އަށް އިސްލާހު ގެނައިއިރު މަޖިލީހުގެ ބާބުގައި ގިނަ ބާރުތަކެއް ލިޔުނީ، މަޖިލިސް އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވާނެ ކަމަށް ބަލައިގެން ކަމަށެވެ.

"އަޅުގަނޑަށް އޭރު ވިސްނުނު ގޮތް އެއީ. ރާއްޖޭގެ ސީނިއާ އެމްޕީއެއް ކައިރީ އަޅުގަނޑު އެ ވާހަކަ ދެއްކީ. ކިހިނެއްހޭ ދެން ރާއްޖޭގައި ވެރިކަމެއް ކުރާނީ؟ ރިޔާސީ ނިޒާމެއްގެ ވާހަކައޭ މިދައްކަނީ. ބާރުތައް މިއޮތީ ރައްޔިތުންގެ މަޖިލީހަށް ގަޑުކޮށް ޖަމާކޮށްފައޭ. އޭނާ ވިދާޅުވި، އިބޫއޭ، ތިވާހަކަ އެހާ ބާރަށް ނުދައްކައްޗޭ،" އިބޫ ވިދާޅުވި އެވެ. އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި ދެހާސް އަށް ވަނަ އަހަރު ވެސް ވެރިކަމަށް އަދި އަންނާނީ ރައީސް މައުމޫން [އަބްދުލްގައްޔޫމް] އޭ. ރައީސް މައުމޫން ބަލިކުރެވޭ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނެއޭ. އެކަމަކު ރައްޔިތުންގެ މަޖިލިސް ތިމަންނަމެން ނަގާނަމޭ. އެހެންވީމާ އެތާ ނޫންހޭ ބާރުތައް އޮންނަން ވާނީ،."

އެހެންވެ ކަމެއް ކުރާއިރު ހަމައެކަނި ތިމާއަށް ފައިދާހުރި ގޮތަށް ކަމެއް ކޮށްގެން ލަނޑެއް ލިބިދޭނެ ކަމަށް ވިދާޅުވި އެވެ.

"ރައީސް މުއިއްޒު މިއަދު [ދެ އިންތިހާބު އެއްކޮށްލަން] އެ ގެންނަވާ އިސްލާހުން ހަމަ ފަހަރުގައި އެ މަނިކުފާނަށް ވެސް ދެހާސް އަށެއްގައި ބޮޑު ލަނޑެއް ލިބުމަކީ އެކަށީގެންވާ ކަމެއް." އިބޫ ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ދެން ވެރިކަމަށް ހޮވޭ ސަރުކާރަކާ އެކު މިހާރަށް ވުރެ ބޮޑަށް ރައްޔިތުންގެ މަޖިލިސް ވެރިކަމަށް އަންނަ ބަޔަކަށް ކާމިޔާބުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އޭގެ ނަތީޖާއަކީ، ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ބާރާއި ވަޒީފާ އާއި ފައިސާތަކާ އެކު ރައްޔިތުންނަށް ސަރުކާރުން ޖަވާބުދާރީކުރުވަން އޮތް ދޮރު މުޅިން ބަންދުވެގެން ދިއުން ކަމަށް ވިދާޅުވި އެވެ.

ދެ އިންތިހާބު އެއްކޮށްލުމަށް ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން އުޅޭއިރު އޭގައި އޮތީ ނުވަތަ އޭގެ މަގުސަދަކީ ކޮބައިކަން ވެސް ރައްޔިތުންނަށް ނޭނގޭ ކަމަށް ވިދާޅުވި އެވެ.

ދެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ރައްޔިތުންގެ ހިޔާލު ހޯދަން ނަގާ ވޯޓް އޮންނާނީ އަންނަ މަހުގެ 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ އެކީގަ އެވެ.