އަންނަ މަހު ޝޫޓިން ފަށާނެ ކަމަށް ބެލެވޭ ސަލްމާން ޚާންގެ އާ އެކްޝަން ތުރިލާގެ ބަތަލާ އަކީ އިންޑިއާގެ ދެކުނުގެ މަޝްހޫރު ބަތަލާ ނަޔަންތަރާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިއީ ދެކުނުގެ ޕްރޮޑިއުސަރު ދިލް ރާޖޫ ޕްރޮޑިއުސްކޮށް، ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ ދެކުނުގެ ޑައިރެކްޓަރު ވަމްޝީ ޕައިޑިޕައްލީ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. މީޑިއާތަކުން ނަން އަދި ސާފު ނުވާ މި ފިލްމުގެ ބަތަލާއަކަށް ނަޔަންތަރާ ނަގައި، ފިލްމުގެ އިތުރު ކާސްޓުން ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
ދެކުނުގެ އެންމެ ނުފޫޒު ގަދަ ބަތަލާއިންގެ ތެރޭގައި ހިމެނޭ ނަޔަންތަރާ، 41، އަކީ ޝާހްރުކް ޚާންގެ 2023 ގެ 'ޖަވާން' ގެ ވެސް ބަތަލާ އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ ޖޫން އަށް ފަސްކޮށްފައިވާ 'ޓޮކްސިކް' އެވެ.
ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ނަޔަންތަރާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ އެޕްރީލްގައި ރިލީޒްކުރި ތަމަޅަ ސްޕޯޓްސް ސައިކޮލޮޖިކަލް ތުރިލާ 'ޓެސްޓް' އެވެ.
ސަލްމާންގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 17 އަށް ތާވަލުކޮށްފައި އޮތް 'ބެޓްލް އޮފް ގަލްވާން' އެވެ.