ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ހަމަވުމުން މަސައްކަތަށް ނުކުތަސް، ދަރިފުޅަށް ކޮށް ދޭން ޖެހޭ ކަންކަން ކުރުމަށް މުވައްޒަފުންނަށް ހުސް ވަގުތު ދޭ މުއްދަތު އިތުރުކުރަން ވަޒީފާއާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން ދަރުފުޅުގެ އުމުރުން އެއް އަހަރު ވަންދެން، މުސާރައިން ނުކެނޑޭ ގޮތަށް ކޮންމެ ދުވަހަކު ދެ ފަހަރަށް 30 މިނެޓްގެ ހުސް ވަގުތުކޮޅެއް މުވައްޒަފުންނަށް ދޭން ޖެހެ އެވެ.
ނަމަވެސް ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅުއްވައި މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރި ބިލުގައި ވަނީ ދަރިފުޅުގެ އުމުރުން ދެ އަހަރު ވަންދެން ކޮންމެ ދުވަހަކު ދެ ފަހަރަށް 30 މިނެޓްގެ ހުސް ވަގުތުކޮޅެއް މުވައްޒަފުންނަށް ދޭން ޖެހޭ ގޮތަށެވެ.
ވަޒީފާއިން ވަކިކުރުމުގެ ކުރިން ދޭން ޖެހޭ ނޯޓިހުގެ މުއްދަތަށް ބަދަލު ގެންނަން ވެސް ފާސްކޮށްފައިވެ އެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން، ދެ ހަފުތާގެ ނޯޓިހެއް ދޭން ޖެހެނީ ހަ މަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް އުޅުނު މުވައްޒަފުންނަށެބެ. ނަމަވެސް އެ ބިލު އޮންނަ ގޮތުން އެއް އަހަރު ނުވާ ކޮންމެ މުވައްޒަފަކަށް ވެސް މަދުވެގެން ދެ ހަފުތާގެ ނޯޓިހެއް ދޭން ޖެހޭނެއެވެ.
އަދި އެއަށް ވުރެ ކުރު މުއްދަތެއް ނުވަތަ އެއަށްވުރެ ދިގު މުއްދަތެއްގެ ނޯޓިހުގެ ގޮތުގައި ދޭން ޖެހޭ ގޮތަށް ދެ ފަރާތުން އެއްބަސްވުމަށް ފުރުސަތު އޮންނާނެ ކަމަށް މިއަދު ފާސްކުރި އިސްލާހުގައި އޮތީ ހިމަނައިފަ އެވެ.