Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

ރެފަރެންޑަމް ނަތީޖާ އިން ގަންނަން ޖެހޭނީ ލަދު

ނާޒިލު މިއަދުގެ ޖަލްސާގައި ނާޒިލު ވާހަކަ ދައްކަވަނީ. ފޮޓޯ/ މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެކީގައި ބާއްވަން ނަގަން ނިންމާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން ސަރުކާރު ގަންނަން ޖެހޭނީ ލަދު ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ނަމުގައި އިންތިހާބުތައް އެއްކޮށްލަން ސަރުކާރުން އުޅުނު ނަމަވެސް، ރައްޔިތުން އެކަމަށް ތާއީދެއް ނުކުރާނެ ކަމަށެވެ. އަދި ނަގަން އުޅޭ ވޯޓްގައި ސަރުކާރަށް ރައްޔިތުން ބުނާނީ ނޫނެކޭ ކަމަށް ނާޒިލް ވިދާޅުވިއެވެ.

އޭނަ ވިދާޅުވީ މިއީ ރައްޔިތުން ބަލައިގަންނަ ސަރުކާރެއް ނޫން ކަމަށާއި އެކަން ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއިން ވެސް ފެންނާނެ ކަމަށެވެ.

އޭނަ ވިދާޅުވީ ސަރުކާރުންހަރަދު ކުޑަކުރުމުގެ ނަމުގައި ދައްކާ ވާހަކަ ދެކޮޅު ނުޖެހޭ އިރު މި ސަރުކާރު އައުމުގެ ކުރިން ފޮރިން މިނިސްޓްރީއަށް މަހަކު ހަރަދުވަނީ 23 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް މި މިހާރު ފޮރިން މިނިސްޓްރީގެ މަހެއްގެ ބަޖެޓަކީ 54 މިލިއަން ރުފިޔާ ކަމަށ ވިދާޅުވިއެވެ.

"ހާއްސަކޮށް އެމްބަސީތަކަށް ކުރާ ހަރަދު. ކޮން ކަމެއްތޯ ކުރެވެނީ؟ އެމްބަސީތަކުން ކުރާ މަސައްކަތުގެ ނަތީޖާއަކީ ކޮބައިތޯ ދިވެހި ރައްޔިތުންނަށް ސާފުކޮށް އެނގެން އެބަޖެހޭ." ނާޒިލް ވިދާޅުވި އެވެ.

"ހަރަދޭ ކިޔައިގެން ދައްކާ ވާހަކަ ދެކޮޅެއް ނުޖެހޭ. ހަރަދު ކުޑަކުރަން އިންތިހާބު އެއްކޮށްލާކަށް ރައްޔިތުން އެއްބަހެއް ނުވާނެ. ނަތީޖާ ބޮޑުކޮށް ފެންނާނެ. [ސަރުކާރު] ލަދު ގަންނަ ވަރަށް ފެންނާނެ ނަތީޖާ." އޭނަ ވިދާޅުވި އެވެ.