Last Updated: June 5, 11:07
Friday, June 5, 2026
ރިޕޯޓް

ރޯދައިގެ ފިދުޔަ ދޭން ޖެހެނީ ކޮން ބައެއް؟

ފިދުޔަ ދިނުމަކީ (އެބަހީ ގެއްލޭ ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދިނުމަކީ) ތިރީގައިވާ ފަރާތްތަކުގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ.
1. މިހާރާއި މުސްތަޤުބަލުގައި ވެސް ރޯދަހިފުމުގެ ކުޅަދާނަކަން ނެތް މީހުން، މިސާލަކަށް ނުކުޅެދޭ މިންވަރަށް މުސްކުޅިވެފައިވާ ފިރިހެނުންނާއި އަންހެނުން، އަދި ބަލިން ފަސޭހަވާނެ ކަމުގެ އުންމީދެއް ނެތް ދާއިމީ ބަލިމީހުން.
2. މާބަނޑު މީހުންނާއި ކިރުމައިން، ބަނޑުގައިވާ ދަރިފުޅަށް ނުވަތަ ތުއްތު ކުއްޖާއަށް ލިބިދާނެ ގެއްލުމަކަށްޓަކައި ރޯދަ ދޫކޮށްލައިފިނަމަ.
3. އެއްވެސް ޝަރުޢީ އުޛުރަކާ ނުލައި، ރަމަޟާން މަހުގެ ޤަޟާ ރޯދަ އަނެއް އަހަރުގެ ރަމަޟާން މަސް އަންނަންދެން ފަސްކުރި މީހާ.
4. ރޯދަ ޤަޟާކުރުމުގެ ކުޅަދާނަކަން ލިބިފައިވަ ނިކޮށް، އެ ރޯދަތައް ނުހިފާ ހުއްޓާ މަރުވާ މީހާގެ މުދަލުން (ތަރިކައިން)، އޭނާގެ ބަދަލުގައި ފިދުޔަ ދިނުން ވާޖިބުވާނެ އެވެ.

މުސްކުޅިވުމުގެ ސަބަބުން ނުވަތަ މުސްކުޅި ބަލީގެ ސަބަބުން ރޯދަ ހިފުމަށް ނުކުޅެދިގެންވާ މީހާ، ފުރަތަމަ އަހަރު ފިދުޔަ ދިނުން ލަސްކޮށްފި ނަމަ، އޭނާގެ މައްޗަށް އިތުރު ކަމެއް ލާޒިމުވާނެ ހެއްޔެވެ؟

މުސްކުޅިވުމުގެ ސަބަބުން ނުވަތަ މުސްކުޅި ބަލީގެ ސަބަބުން ރޯދަ ހިފުމުގެ ކުޅަދާނަކަން ލިބިގެންނުވާ މީހާގެ މައްޗަށް އޮތީ، ގެއްލޭ ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދިނުމެވެ. މިފަދަ މީހަކު ފުރަތަމަ އަހަރު ފިދުޔަ ނުދީ ލަސްކުރި ކަމުގައިވީ ނަމަވެސް، އެ ލަސްވި ލަސްވުމަށް އިތުރު ފިދުޔައެއް ދޭކަށް ނުޖެހޭނެއެވެ. މިއީ އެއްވެސް އުޒުރަކާ ނުލައި ރަމަޟާން މަހުގެ ރޯދަ ގަޟާކުރުން ލަސްކުރާ މީހާގެ ޙާލަތާ ތަފާތު ޙާލަތެކެވެ. ރޯދަ ގަޟާކުރުން ލަސްކޮށް، އަނެއް އަހަރުގެ ރަމަޟާން މަސް ބައްދަލުކޮށްފިނަމަ، އެމީހެއްގެ މައްޗަށް ލަސްކުރިކަމުގެ ފިދުޔަ ދިނުން ލާޒިމުވާނެ އެވެ.

ނަމަވެސް، ދާއިމީކޮށް ރޯދަ ހިފުމަށް ނުކުޅެދިފައިވާ މުސްކުޅިޔާގެ މައްޗަށް އޮތީ ހަމައެކަނި އަސްލު ފިދުޔަ ދިނުމެވެ.

ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.