ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން މުޖުތަމައުގައި އަންހެނުންނަށް ލިބިފައިވާ މަގާމު އިތުރަށް ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ޕީއެންސީގެ އަންހެނުންގެ ވިންގުން ބުނެފި އެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ޕީއެންސީ އަންހެނުންގެ ވިންގުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން ސިޔާސީ، އިގުތިސާދީ އަދި އިޖުތިމާއީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
އެގޮތުން ސަރުކާރުން ވިޔަފާރީގެ މައިދާނަށް އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް އިގުތިސާދީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް ޚާއްސަ ލޯނު ސްކީމުތައް ތައާރަފުކޮށް، ގިނަ އަދަދެއްގެ އަންހެނުން އަލަށް ވިޔަފާރިއަށް ނެރެފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސްގެ މަގާމަކީ ހުރިހާ ރައްޔިތުންގެ ވޯޓުން އިންތިޚާބުކުރެވޭ މަގާމެއްގެ ގޮތުގައި ހަމަޖައްސައި، އެ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލުގެ ބަޖެޓުން ޑަބްލިއުޑީސީތަކަށް ދޭ ފައިސާގެ ނިސްބަތް އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ ކުންފުނިތަކުގެ އެންމެ މަތީ ފަންތީގައި އަންހެނުން ހަރަކާތްތެރިވާ މިންވަރު ވެސް އިތުރު ކުރެވިފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.
މި ބަޔާނުގައި ބުނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެއް ޕާޓީއަކުން އެންމެ ގިނައިން އަންހެން ކެންޑިޑޭޓުން ވާދަކުރަނީ ޕީއެންސީގެ ޓިކެޓުގައިކަން ވެސް ފާހަގަކޮށްފަ އެވެ.