މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މަހު އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ އަށްވުރެ 0.8 ޕަސެންޓް ދަށް އަދަދެކެވެ. އަދި މިއަހަރުގެ ފެބުރުއަރީ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 11.6 ޕަސެންޓް ދަށް އަދަދެކެވެ.
މީރާއިން ބުނީ މިދިޔަ އަހަރުގެ ފެބުރުވަރީ މަހާއި އަޅާބަލާއިރު މިއަހަރުގެ ފެބުރުވަރީ މަހު ލިބުނު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރު ކުރުމުގެ ފީއާއި، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ރިޒޯޓުތަކުގެ ކުލިން ލިބުނު އާމްދަނީ ދަށްވުން ކަމަށެވެ. މީގެ އިތުރުން އާމްދަނީ ދަށްވުމުގެ މައިގަނޑު އަނެއް ސަބަބަކީ، ފެބުރުވަރީ މަހުގެ ޓެކުހުގެ ސުންގަޑިތައް ރަސްމީ ބަންދު ދުވަސްތަކަކާއި ދިމާވުމުގެ ސަބަބުން، މާރިޗު މަހުގެ ދުވަސްތަކަކަށް މުއްދަތު އިތުރުކޮށްފައިވާތީ ކަމަށް ވިދާޅުވިއެވެ. އަދި މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު، މިދިޔަ މަހު އެޑްވާންސްކޮށް ދައްކާފައިވާ ޕޭމަންޓްތައްވެސް އިތުރުވެފައިވާ ކަމަށެވެ.
މީރާއަށް މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީ އިންނެވެ. ޖީއެސްޓީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބުނުއިރު މިއީ ޖުމްލަ އާމްދަނީގެ 52.3 ޕަސެންޓެވެ.
ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އާމްދަނީ އިން ނަގާ ޓެކުހުންނެވެ. އާމްދަނީ އިން ނަގާ ޓެކުހުން 599 މިލިއަން ރުފިޔާ ލިބުނުއިރު މިއީ ޖުމްލަ އާމްދަނީގެ 21.4 ޕަސެންޓެވެ.
މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 200.36 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކުހުގެ ގޮތުގައި 134.33 މިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 122.56 މިލިއަން ރުފިޔާ ލިބުނެވެ.