Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ސަރުކާރުން އުޅެނީ ދެ ބާރު އެއްބުރުން ނަގަން ފަސޭހަ ކުރަން

އީވާ އަބްދުﷲ- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވަން ސަރުކާރުން އުޅެނީ ދައުލަތުގެ ދެ ބާރު އެއްބުރުން ނަގަން ފަސޭހަ ކުރަން ކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ދާދިފަހުން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މި ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ވަނީ ނިންމައިފަ އެވެ.

އެ ހިޔާލު ހޯދުމުގެ ވޯޓަށް ނުނެކޭ ބުނުމަށް ސިޔާސީ ބައެއް ފަރާތްތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީވާ ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ނަމުގައި ކުރަން އުޅޭ ކަމަކީ ސަރުކާރު ހިންގާ ޕާޓީ އަށާއި ރައީސުލްޖުމްހޫރިއްޔާގެ ޕާޓީއަށް ކެމްޕެއިންކުރަން ހަރަދު ކުޑަކުރަން ކަމަށެވެ.

"އެ ކުރަން އެ އުޅޭ ކަމަކީ އެއްފަހަރާ އެއް ބުރުން، އެއްފަހަރާ ދެ ބާރު އެއް ކެމްޕެއިނަކަށް ހަރަދުކޮށްގެން ނަގަން ފަސޭހަކުރަނީ،" އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ނާޖާއިޒު ހުރިހާ ވަސީލަތެއް އެއް ކެމްޕެއިނަކަށް އަޅާލާފައި ދެ ބާރު އެއް ބުރުން ސަރުކާރު ހިންގާ ޕާޓީއަށް ނަގަން ފަސޭހަ ކުރަން ކުރާ މަސައްކަތަކީ ރައްޔިތުން ވިސްނާލަންޖެހޭ ކަމެއް ކަމަށެވެ. އަދި ދެ އިންތިހާބު އެކުގައި ބާއްވަނީ ދައުލަތުގެ ހަރަދު ކުޑަ ކުރުމަށް ކަމަށް ބުނި ނަމަވެސް އެއީ "މަލާމާތެއް" ކަމަށާއި ހަރަދުކުޑަކުރަން ފަށަން ޖެހޭނީ އިންތިހާބަކުން ނޫން ކަމަށްވެސް އީވާ ވިދާޅުވި އެވެ.

"އިންތިހާބަކީ ޑިމޮކްރަސީއެއްގެ އެންމެ މުހިންމު އެއް އަސާސް. އިންތިހާބަކީ ރައްޔިތުންގެ އަތްމަތީގައި އޮންނަ ބާރެއް. އެހެންވީމަ، ރައްޔިތުންގެ އަތްމަތީގައި އޮންނަ ބާރަކުން ނޫން ފުރަތަމަ ހަރަދު ކުޑަކުރަން ފަށަން ޖެހޭނީކީ،" އީވާ ވިދާޅުވި އެވެ.