Last Updated: July 24, 11:07
Friday, July 24, 2026
ޚަބަރު

ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަނީ ހެޔޮ ނިޔަތުގައި

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން މަސައްކަތް ކުރަނީ ހެޔޮ ނިޔަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ މައްޗަންގޮޅި ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ފެންނަނުފެންނަ ވޯޓުން، ސަރުކާރު ލަދުވެތި ގޮތަކަށް ބަލިކުރާނެ ކަމަށް އިދިކޮޅު އެމްޑީޕީން ބުނަމުންދާ ކަމަށާއި ނަމަވެސް މިކަމަކީ ހެޔޮ ހިތުން އިހުލާސްތެރިކަމާއެކު ކުރާ ކަމަކަށް ވާތީ އެކަން ރައްޔިތުން ބަލައިގަންނާނެ ކަމަށެވެ.

"އަޅުގަނޑު ވަރަށް ޔަގީންކަމާއެކު މި ދަންނަވަނީ، އަޅުގަނޑުމެން މިކަމީ ހެޔޮހިތުން، އިހުލާސްތެރިކަމާއެކު ރައްޔިތުންނަށްޓަކާ ކޮށްދޭ ކަމަކަށްވާތީ، ރައްޔިތުން އެކަން ބަލައިގަންނާނެ. އަޅުގަނޑުމެން މި ފެންނަނު ފެންނަ ވޯޓު ކާމިޔާބުކުރާނީ ކޮންމެހެން އެގޮތަށް އެ ބީދާއަކުން ނޫން، ރައްޔިތުންނަށް ކޮށްދޭ ހެޔޮކަމެއްގެ ގޮތުން. ރައްޔިތުން ބުނާ އަޑުއެހުމަކީ އަޅުގަނޑުމެން އުފާވާނެ ކަމެއް. އަޅުގަނޑުމެން އެއްގޮތަކަށް ވެސް ލަދުގަންނަންޖެހޭ ކަމެއް ނޫން، ކަންބޮޑުވާންޖެހޭ ވެސް ކަމެއް ނޫން" ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަޖިލީހުން ފާސްކޮށްފަ، ރައްޔިތުންގެ އަޑުއެހުމަށްޓަކާ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް މިދަނީ. އެހެންވީމާ، އަޅުގަނޑުމެންގެ އިހުލާސްތެރިކަން ބަލައިގަނެ، ރައްޔިތުން މިކަމަށް ވޯޓުދީ، މި އިސްލާހު ފާސްކޮށްދޭނެކަމާ ދޭތެރޭގަ އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަން"

ރިޔާސީ އިންތިހާބާއި، މަޖިލިސް އިންތިހާބު އެއްކޮށްލަނީ ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލުމަށް އެމްޑީޕީން މަސައްކަތް ކުރަމުންދާ ކަމަށާއި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ގިނަ ފައިދާތަކެއް އެބަހުރި ކަމަށް ނާޒިމް ވިދާޅުވި އެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި ގިނަ އަދަދަކަށް ވޯޓުލާން ނިކުންނަ ރައްޔިތުން، މަޖިލީހަށް މެމްބަރުން ހޮވުމުގައި ވެސް ޝާމިލުވުމަކީ ލިބޭނެ ކުރިއެރުމެއް ކަމަށްވެސް ވިދާޅުވި އެވެ.