Last Updated: June 7, 13:43
Sunday, June 7, 2026
ޚަބަރު

މާލެއަށް ބޭނުންވާ ބަދަލު ގެންނަން ވެރިކަން ބަދަލުކުރަންޖެހޭ

މާލެއަށް ބޭނުންވާ ބަދަލު ގެންނަން ވެރިކަން ވެސް 2028 ވަނަ އަހަރު ބަދަލުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ މާލެ މެނިފެސްޓޯ އިފުތިތާހުކުރަން ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އިބޫ ވިދާޅުވީ މާލޭގައި ދެ ލައްކަ އަށް ވުރެ ގިނަ މީހުން އުޅެމުންދާ ކަމަށާއި އޭގެތެރެއިން 64،000 އަށް ވުރެ ގިނަ މީހުންނަކީ މާލޭގެ ރަށްވެހިން ކަމަށްވާއިރު، ދެން އުޅެނީ އެހެން ގޮތެއް ނެތިގެން މާލޭގައި އުޅޭ ފަރާތްތައް ކަމަށެވެ.

މިއީ ހައްލު ހޯދަންޖެހޭ ކަމެއް ކަމަށާއި މިކަމަކީ ހަމައެކަނި މާލޭ ސިޓީ ކައުންސިލަށް ކުރެވެން އޮތް ކަމަކަށް ނުވާއިރު، މިކަމަށް ހައްލު ހޯދައިދޭނެ ވެރިކަމެއް ވެސް ބޭނުންވާ ކަމަށް އިބޫ ވިދާޅުވި އެވެ.

"މިއީ އަކީ ހަމައެކަނި ސިޓީ ކައުންސިލަަކަށް އެކަނި ކުރެވޭނެ ކަމެއް ނޫން. މި ކަމަށް ހައްލު ހޯދައިދޭނެ ވެރިކަމެއް ވެސް މި ތަނަށް ގެނެސްގެން ނޫނީ މި މާލެއަކަށް ހައްލެއް ނުހޯދޭނެ. އަޅުގަނޑުމެން ޖެހޭނެ ކުރިއަށް މި އޮތް 2028 ވަނަ އަހަރުގައި އެ ބަދަލު ވެސް ގެންނަން. އެހެން ނޫނީއަކާ މި މާލެއަކަށް މި ބޭނުންވާ ބަދަލެއް ނުގެނެވޭނެ،" އިބޫ ވިދާޅުވި އެވެ.

މާލެއަށް ދިމާވެފައި ހުރީ ހައްލުކުރަން އުނދަގޫ މައްސަލަތަކެއް ކަމަށާއި އެއީ އެއް ދުވަހަކުން ދެ ދުވަހަކުން ހައްލުކުރެވޭނެ ކަންކަން ނޫން ކަމަށާއި ހަގީގަތުގައި މާލެއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ މާލެއަށް މީހުން ގިނަވުން ކަމަށް އިބޫ ވިދާޅުވި އެވެ. މިކަމަށް އޮތް ދާއިމީ ހައްލަކީ އެމްޑީޕީން ގެންގުޅޭ ލާމަރުކަޒީ ނިޒާމު ކަމަށާއި އެގޮތުން ރަށްތައް ތަރައްގީކޮށް މާލެއަށް މީހުން އައުން މަދުކޮށްގެން ނޫނީ މާލެއަށް ހައްލެއް ނުލިބޭނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.