Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

ވެލާ ރިސޯޓްގެ ޖެނެރަލް މެނޭޖަރަކަށް މައުސޫމް

ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ވެލާ ޕްރައިވެޓް އައިލޭންޑްގެ ޖެނެރަލް މެނޭޖަރަކަށް މުހައްމަދު މައުސޫމް ހަމަޖައްސައިފި އެވެ.

އައްޑޫ ހިތަދު އަށް ނިސްބަތްވާ މައުސޫމަކީ ޓޫރިޒަމްގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. ވެލާ ރިސޯޓް އެންމެ އިސް މަގާމު ކަމަށްވާ ޖެނެރަލް މެނޭޖަރުގެ މަގާމަށް އޭނަ ޕްރޮމޯޓްވި އިރު، މިއީ ތާރީހީ ޝަރަފެއް މެ އެވެ.

ސަބަބަކީ މައުސޫމަކީ އެ ރިސޯޓްގެ ފުރަތަމަ ދިވެހި ޖީއެމަށްވުމެވެ.

އޭނަ ވެލާގައި މަސައްކަތް ކުރަމުން އަންނަނީ އެތަން ހުޅުއްވީސުރެން 2012 އިން ފެށިގެންނެވެ. މައުސޫމްގެ ފުރަތަމަ މަގާމަކީ އެ ރިސޯޓްގެ ފްރޮންޓް އޮފީސް މެނޭޖަރުގެ މަގާމެވެ. އޭގެ ފަހުން އެކި ފަހަރު މަތިން އޭނަގެ މަގާމު ޕްރޮމޯޓްވަމުން ގޮސްފައިވެ އެވެ. އެގޮތުން 2019 ގައި ރޫމް ޑިވިޝަން މެނޭޖަރަކަށް ޕްރޮމޯޓްވެ، ޖެހިގެން އައި އަހަރު ރެޒިޑެންޓް މެނޭޖަރަކަށް މައުސޫމް ޕްރޮމޯޓްވި އެވެ.

ވެލާ ރިސޯޓް އާންމުންގެ ތެރޭގައި އެންމެ ބޮޑަށް މަޝްހޫރީ މުވައްޒަފުންނަށް އެންމެ އެންމެ ބޮޑު ސާވިސް ޗާޖްދޭ ރިސޯޓްގެ ގޮތުގަ އެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އައްޑު އަށް ނިސްބަތްވާ ވަރަށް ގިނަ އަދަދެއްގެ ބަޔަކު މަސައްކަތް ކުރަމުން އަންނަ އިރު، މިހާރު ބައެއް ރިސޯޓްތަކުގެ އެންމެ އިސް މަގާމުތަކުގައި އައްޑޫ މީހުން ހިމެނޭކަން ފާހަގަކޮށްލެވެ އެވެ.