Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

ކޮމަންވެލްތު ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ރާއްޖެ

ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ލަންޑަންގައި ބޭއްވި ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޚަލީލްގެ ފަރާތުން ބައިވެރިވެވަޑައިގަތީ އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިރުތިޝާމް އަދާމެވެ.

އެ ބައްދަލުވުމުގައި، މެމްބަރު ގައުމުތަކުން ވަނީ ކޮމަންވެލްތުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް އެޖަމުޢިއްޔާއިން ކުރަމުން ގެންދާ މަސައްކަތްތަކާއި އަދި މި އަހަރުގެ ނޮވެމްބަރު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގެ ތައްޔާރީތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.

މީގެ އިތުން ކޮމަންވެލްތު ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވެ އެވެ.

ކޮމަންވެލްތަކީ 56 މެންބަރު ޤައުމުގެ މައްޗަށް އެކުލެވިގެންވާ ޖަމާއަތެކެވެ. ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނު ފަހުން، އެކި ދާއިރާތަކުން، ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މަޞްލަޙަތު ކުރިއެރުވުމުގައި އަންނަނީ މަސައްކަތް ކުރަމުންނެވެ.