އާލިއާ ބަޓްގެ ފިލްމު 'އަލްފާ' ގެ އާ ތާރީހު މިއަދު އިއުލާންކޮށްފި އެވެ.
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ ފިލްމު ސިނަމާތަަކަށް ގެންނަން ނިންމި އާ ތާރީހަކީ މި އަހަރުގެ ޖުލައި 10 އެވެ. 'އަލްފާ' އަކީ ކުރިން މިދިޔަ އަހަރު ޑިސެންބަރު 25 އަށް ތާވަލުކުރި ފިލްމެކެވެ.
ނަމަވެސް ފިލްމު ފަސްކުރީ ޝޫޓިން ދިގުލައިގެން ދިއުމާ ގުޅިގެންނެވެ.
ވައިއާރްއެފްގެ ސްޕައި ޔުނިވާސް އަށް ބަތަލާއިންތަކެއް ލީޑްކުރާ ގޮތަށް ގެނެސްދޭ 'އަލްފާ' އަކީ ޒުވާން ޑައިރެކްޓަރު ޝިވް ރަވައިލްގެ ފުރަތަމަ ފީޗާ ފިލްމެވެ. އޭނަ އަކީ އެ ސްޓޫޑިއޯ އިން 2023 ގައި ނެޓްފްލިކްސް އަށް ގެނެސްދިން މިނީސީރީޒް 'ދަ ރެއިލްވޭ މެން: ދި އަންޓޯލްޑް ސްޓޯރީ އޮފް ބޯޕާލް 1984' ގެ ޑައިރެކްޓަރެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ 'އަލްފާ' އަކީ އާލިއާ އާއި ބަތަލާ ޝަރްވާރީ ވާގް ލީޑްކުރާ ފިލްމެކެވެ. މީގެ ކާސްޓްގައި ބޮބީ ޑިއޯލް އާއި އަނިލް ކަޕޫރް ވެސް ހިމެނެ އެވެ.
އާލިއާ މިހާރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ 'ލަވް އެންޑް ވޯ' ގެ މަސައްކަތް ވެސް ކުރަމުން އަންނަ އިރު، އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2024 ގެ 'ޖިގްރާ' އެވެ.
ވައިއާރްއެފްގެ ސްޕައި ޔުނިވާސްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ރިތިކް ރޯޝަންގެ 'ވޯ 2' އެވެ. އެ ޔުނިވާސް އަށް ނިސްބަތްވާ ފިލްމުތަކުގެ ތެރޭގައި ސަލްމާން ޚާންގެ 'ޓައިގާ' ފްރެންޗައިޒާއި ޝާހްރުކް ޚާން 'ޕަތާން' ވެސް ހިމެނެ އެބެ.