އާންމު ސާފުތާހިރުކަމުގެ މިންގަނޑުތަކާ ޚިލާފަށް ކާބޯތަކެތި އުފައްދައި ވިއްކަމުން ދިޔަ ތަނެއްގެ މަސައްކަތް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްޓުވައިފި އެވެ.
އެތަނުން ނެރުނު ބަޔާނެއްގައި ބުނީ ލިބުނު ޝަކުވާއަކާ ގުޅިގެން ބަލާ ފާސްކޮށްފައި ވަނީ "ބިލެތްމާ ޓޭސްޓީ" ނަމަކަށް ކިޔާ ތަނެއް ކަމަށެވެ. އެތަނަކީ ތެލުލި ފަތާއި ކޮށި މަހާއި ކުޅި ކާޖާ އަދި ރިހާކުރު ފަދަ އާންމުކޮށް ބަންދުކޮށްގެން ވިއްކާ ކާބޯތަކެތީގެ ބާވަތްތައް އުފައްދަމުން އައި ތަނެކެވެ.
އެމްއެފްޑީއެ އިން ބުނީ އެ އެތަން ބަލާ ފާސްކުރިއިރު، އެތަނަކީ އާންމު ސާފުތާހިރުކަން އިންތިހާއަށް ދަށް އަދި ކާބޯތަކެތީގެ ރައްކާތެރިކަމުގެ އެއްވެސް މިންގަނޑަކަށް ނުފެތޭ ތަނެއްކަން ކަމަށެވެ. އެހެންވެ އާންމުންގެ ސިއްޙީ ރައްކާތެރިކަމަށްޓަކައި އެތަނުގައި ކުރަމު ންދިޔަ ހުރިހާ މަސައްކަތްތަކެއް ވަގުތުން ހުއްޓާލުމަށް އަންގާފައިވެ އެވެ.
މީގެ އިތުރުން، "ބިލެތްމާ ޓޭސްޓީ" އަކީ ރަޖިސްޓަރީ ވެސް ނުކޮށް ހިންގަމުން ދިޔަ ތަނެއް ކަމަށް ފާހަގަކުރެވިފައިވެ އެވެ.
އެމްއެފްޑީއޭ އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، "ބިލެތްމާ ޓޭސްޓީ" އިން އުފައްދާ އެއްވެސް ކާބޯތަކެތީގެ ބާވަތެއް ބޭނުން ނުކުރުމަށާއި އަދި އެއްވެސް ފިހާރައަކުން އެތަކެތި ނުވިއްކުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.