މީގެ 15 އަހަރު ކުރިން ރިލީޒްކުރި ދިވެހި ފިލްމު 'ލައެލާ' އަލުން އޮލިމްޕަހަށް ގެންނަން ނިންމައިފި އެެވެ.
އެކްޓަރު ހާމިދު އަލީ ލިޔެ، ޕްރޮޑިއުސްކޮށް އދަި ޑައިރެކްޓްކޮށްފައިވާ އެ ފިލްމު އަލުން އަޅުވަން ނިންމާފައި ވަނީ މި މަހުގެ 26 ގަ އެވެ. އެހެންވެ 'ލައެލާ' އަލުން ބަލަން ބޭނުންވާ މީހުންނަށް ޓިކެޓް ބުކްކުރަން މިހާރު އޮތީ ހުޅުވާލައިފަ އެވެ.
އެކަމަށް ހާއްސަ ނަމްބަރަކީ 7762077 އެވެ.
ސެޕްޓެމްބަރު 29، 2011 ގައި އޮލިމްޕަހުގައި ޕްރީމިއާކުރި 'ލައެލާ' އަކީ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ. މީގެ ލީޑް ކާސްޓުންނަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އާމިރާ އިސްމާއީލާއި އަހުމަދު އީސަ (އާނަންދު) އެވެ. 'ލައެލާ' ގެ އިތުރު ކާސްޓުންގެ ތެރޭގައި ހާމިދާއި ފާތުމަތު އާޒިފާ (އަޒޫ) އާއި ރޯނު ހަސަން މަނިކާއި މަރިޔަމް ހަލީމާއި އާރިފާ އިބްރާހީމާއި ނީނާ ސަލީމާއި މަރިޔަމް ޝަހުޒާގެ އިތުރުން މަރުވެފައިވާ އެކްޓަރު ކޮއްޔަ ހަސަން މަނިކު ހިމެނެ އެވެ.
އަދި ފިލްމުގެ އައިޓަމް ލަވައަކުން ކުރީގެ ބަތަލާ ނިއުމާ މުހައްމަދު ވެސް ފެނިގެން ދެ އެވެ.
ލައެލާ އަލުން އޮލިމްޕަހަށް ގެންނަ އިރު، މި އަހަރުގެ މިހާތަނަށް އޮލިމްޕަހުގައި ދެ ފިލްމެއް ވަނީ އަޅުވައިފަ އެވެ. އެއީ އަލީ ސީޒަންގެ 'ޕަރީ: ޗެޕްޓާ 1' އާއި މޮވަނު ޝަފީގުގެ 'ދޯދި' އެވެ.
ދެން އެންމެ އަވަހަށް އޮލިމްޕަހަށް އަންނަން އޮތް ފިލްމަކީ އަންނަ މަހުގެ 6 އަށް ތާވަލުކޮށްފައިވާ 'ޕަރީ: ޗެޕްޓާ 2' އޮލިމްޕަހަށް އަންނާނެ އެވެ.