އެމްއެމްޕީއަރްސީން ގެއްލުނު ފައިސާގެ ތެރެއިން ކޮންމެ މަހަކު 154،000 ރުފިޔާ ރައީސް ޔާމީންގެ އަނބިކަބަލުން މެޑަމް ފާތުމަތު އިބްރާހިމް ނަންގަވާ ކަމަށާއި އެއީ މެޑަމް ފާތުން ނޫންކަމަށާއި، އެއީ "ދޮޅުލައްކަ ފާތުން"ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީގައި ރޭ ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ މެޑަމް ފާތުން އެފައިސާ ނަންގަވަނީ މޯލްޑިވް ގޭސްގެ އެމްޑީ އަބްދުﷲ މައުމޫން (މާނު) މެދުވެރިކޮށް ކަމަށެވެ.
"ޚިޔާނާތުގައި އެންމެ ބޮޑު ފަރާތަކީ މަހާ ރެހެންދި ފާތިމަތު އިބްރާހީމް. 154000 ރުފިޔާ ކޮންމެ މަހަކު ފާތުންގެ އެކައުންޓަށް ޖަމާކުރޭ. އެއީ ދޮޅުލައްކަ ފާތުމަ" އަލީ ވަހީދު ވިދާޅުވި އެވެ.
ރައީސް ޔާމީން އާއި މެޑަމް ފާޠުން އާއި ބެހޭގޮތުން ގިނަ ކަންތައްތަކެއް ހާމަ ކުރައްވަމުން އަލީ ވަހީދު ވިދާޅުވީ އެކަންކަން ބޭރުގެ ތަހްގީގީ އިދާރާއަކުން ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމުގެ ސާފު ހެއްކާއި ދަލީލު ލިބިފައިވާ ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ ފައިސާތައް ނެގުމުގެ އުޒުރެއްކަމުގައި މެޑަމް ފާޠުން ދެއްކެވީ އެއީ މެލޭޝިއާގެ އެލެވެންސެއް ގޮތުގައި ކަމަށެވެ.
ރައްޔަތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރުގެ ގޮނޑި ގެއްލުވާލުމުގެ އިތުރުން ދޫވެއްސަށް ވަދިޔަ ނުދިނުމަށް މެޑަމް ފާތުން ރައްޔަތުންގެ މަޖިލިސްގެ ޕީޕީއެމް މެމްބަރުންނާއި، ކަމާބެހޭފަރާތްތަކުގައި މެޑަމް ފާތުން ވަނީ ދަންނަވާފަ ކަމަށްވެސް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.
އަލީ ވަހީދު ވިދާޅުވީ މިކަންކަމާ ބެހޭގޮތުން އެކި ފަރާތްތަކުން ބަޔާންތައް ދެއްވާފައިވާ ކަމަށާއި، ކުރީގެ ނައިބްރައީސް އަށް ފޯނުން ގުޅުއްވާ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރުގެ ގޮނޑި ގެއްލުވާލަންވެސް ފާތުން ވިދާޅުވި ކަމަށެވެ.
"ފާތުން މެޑަމް އެބައޮތް ކަމާ ބެހޭ ފަރާތްތަކަށާއި މަޖިލީހުގެ ޕީޕީއެމް މެންބަރުން ގާތުވެސް ބުނެފައި ފަރެސްމާތޮޑާގެ މެންބަރުގެ ގޮނޑި ގެއްލުވާލާށޭ. ދޫވެއްސަށް ވަނަ ނުދޭށޭ. އާރަށަށް މޫދަށް ދިޔަ ނުދޭށޭ. އެކަމުގެ ބަޔާންތައް މީހުން ދީފައި އެބަހުރި. އަދީބު ގާތުވެސް ފާތުން އެކަން ކޮށްދޭން ބުނެފައި އެބަހުރި" އަލީ ވަހީދު ވިދާޅުވި އެވެ.