ބަރަކާތުން ފުރިގެން ވާ ރަމަޟާންމަހުގެ ދުވަސްތައް ފާއިތުވަމުން މިހާރު މި ގުނަމުން ދަނީ ފަހު 10 ގެ ރޭތަކާއި ދުވަސްތަކެވެ. މިއީ ރަމަޟާން މަސް ދެން ނިމުނީއޭ ހިތާ ފަރުވާކުޑަކޮށްލަންވީ ދުވަސްކޮޅެއް ނޫނެވެ. އެކަމަކު މިއީ ހިތްވަރު ގަދަކޮށް އަޅުކަމުގައި އިތުރަށް ހީވަގިވާންވީ ދުވަސްކޮޅެކެވެ. ސަބަބުތައް ނުހަނު ގިނަ އެވެ. އެރެއެއްގެ ހެޔޮކަން އެއްހާސް މަހަށް ވުރެ ގިނަ ޤަދްރި ވިލޭރޭ މި ދުވަސްތަކުގައިވާތީ އެވެ.
އެއްހާސް މަހަކީ 83 އަހަރަށް ވުރެ ދިގު މުއްދަތެކެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން، ޢުމުރުން 83 އަހަރު ވަންދެން ދުނިޔޭގައި ހުރުމަކީ ދުރުކަމެކެވެ. އެހެންނަމަވެސް ﷲ ޞުބްޙާނަހޫ ވަތަޢާލާގެ ރަޙްމަތްފުޅު ތަނަވަސްވެގެން ވެއެވެ. އެކަލާނގެ އެވަނީ އެންމެ ރެއަކުން 83 އަހަރަށްވުރެ ގިނަދުވަހު ހެޔޮޢަމަލުތައް ކުރުމުގެ ޘަވާބާއި ދަރުމަ ދެއްވާނެކަން އަންގަވާފައެވެ. ފޯރި އާއި ޖޯޝާ އެކު އަޅުކަން ނުކުރަންވީ ސަބަބެއް ނެތެއް ނޫންތޯ އެވެ؟
ރަސޫލުﷲ صلى الله عليه وسلم ފަހުދިހައެއް އައުމުން އަޅުކަމުގައި އިތުރައް ހީވާގިވެލައްވައެވެ. ޢާއިޝާ (ރަޟިޔަﷲ ޢަންހާ) ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ.
“كَانَ النَّبِيُّ صلى الله عليه وسلم إِذَا دَخَلَ الْعَشْرُ شَدَّ مِئْزَرَهُ، وَأَحْيَا لَيْلَهُ، وَأَيْقَظَ أَهْلَهُ” (ޞަޙީޙުލް ބުޚާރީއާއި މުސްލިމް)
މާނައީ:”(ރަމަޟާންމަހުގެ) ފަހު ދިހައެއް އަންނަ ހިނދު، ނަބިއްޔާ صلى الله عليه وسلم، އެކަލޭގެފާނުގެ އިޒާރުކޮޅު ބަނދެލައްވައެވެ. (އަނބިއަނބިކަނބަލުންނާ ދުރުހެލިވެވަޑައިގެން އަޅުކަމުހައި އިތުރަށް ހީވާގިވެލައްވައެވެ.) އަދި ރޭގަނޑު އިޙްޔާކުރައްވައެވެ. (މުޅިރޭ އަޅުކަމުގައި ހޭދަކުރައްވައެވެ.) އަދި އެކަލޭގެފާނުގެ އަހުލުވެރިން (ރޭއަޅުކަން ކުރެއްވުމަށް) އަވަހާރަފުޅުން ނަންގަވައެވެ.”
އަދިވެސް ހަމަ އެކަމަނާގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ.
“كَانَ رَسُولُ اللَّهِ صلى الله عليه وسلم يَجْتَهِدُ فِي الْعَشْرِ الأَوَاخِرِ مَا لاَ يَجْتَهِدُ فِي غَيْرِهِ” (ޞަޙީޙް މުސްލިމް)
މާނައީ: ”ރަސޫލުﷲ صلى الله عليه وسلم އެހެން ވަޤުތެއްގައި އަޅުކަމުގައި މަސައްކަތް ނުކުރައްވާހާ ގިނައިން ރަމަޟާންމަހުގެ ފަހުދިހައެއްގައި އެކަލޭގެފާނު މަސައްކަތް ކުރައްވައެވެ.”
އެކަލޭގެފާނުގެ މަތިވެރި ދިރިއުޅުއްވުމުން ނަމޫނާ ލިބިގަނެ ފަހުދިހައެއްގައި އިތުރަށް އަޅުކަމުގައި ހީވާގިވެ ލައިލަތުލް ޤަދްރި ހޯދުމަށް ގަދައަޅައި މަސައްކަތްކުރާ ބަޔަކަށް އަޅުގަނޑުމެން ވަމާ ހިނގާށެވެ. މާތް ﷲ އަޅާމެންނަށް ތައުފީޤު ދެއްވާށި އެވެ.
ނޯޓް: މިއީ ޝައިޚް ޢަބްދުﷲ ޙާމިދުގެ ލިޔުއްވުމެކެވެ.