Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ތަރާވީސް ގަޑީގައި ވެސް ކްލާސްތައް ބާއްވާތީ ޝަކުވާ

ބައެއް ކޮލެޖްތަކުން ރޯދަ މަހުގެ މި 10 ގައި ވެސް ތަރާވީޙް ނަމާދު ގަޑީގައި ރޭގަނޑު ކްލާސްތައް ޝެޑިއުލްކުރާތީ ބައެއް ދަރިވަރުން ޝަކުވާ ހުށަހަޅަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ އެފަދަ ގޮތަކަށް ކްލާސްތައް އިންތިޒާމު ކުރާ ކޮލެޖްތަކުން ތަރާވީޙް ނަމާދަށް ހުރަސް ނޭޅޭ ގޮތައް ގެންދިއުން ވަރަށް މުހިންމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މިނިސްޓަރު ޝަހީމް މިކަމާ ކަންބޮޑުވުން ފާޅުކުރެއްވި އިރު ސަރުކާރުގެ ބައެއް އޮފީސްތައް ވެސް ހިމެނޭ ގޮތަށް ތަރާވީސް ނަމާދު ގަޑިއާ ދިމާވާ ގޮތަށް ތަފާތު ކުޅިވަރު މުބާރާތްތައް ވެސް ކުރިއަށް ގެންދާކަން ފާހަގަކުރެވެ އެވެ.

ރޯދަ މަހުގެ ފަހު 10 ސަރުކާރުން ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައި ވީހާ ވެސް ގިނަ ވަގުތު އަޅުކަމުގައި ހޭދަކުރަން މަގުފަހިކޮށް ދިނުމުގެ ގޮތުންނެވެ. ނަމަވެސް މީގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ބައެއް ފަރާތްތަކުން ނުހިފާކަން ފާހަގަވެ އެވެ.