Last Updated: June 7, 13:43
Sunday, June 7, 2026
ޚަބަރު

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނެ

އައްޑޫ ސިޓީގެ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނީ މި ސަރުކާރުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށް އެ ސިޓީގައި ޤާއިމްކުރާ ސެންޓްރަލް ޕަވާ ސްޓޭޝަން ގާއިމުކޮށް ނިންމުމަށް ފެނަކައިން ދާދިފަހުން ވަނީ ދުބާއީގެ ކުންފުންޏެއް ކަމަށްވާ ޑެފިނިޓް ސޮލިއުޝަންސް ކުންފުންޏާއި ހަވާލުކޮށްފަ އެވެ.

ފެނަކައިން ބުނީ ދުބާއީގައި ރަޖިސްޓްރީކޮށްގެން ހިންގާ ޑެފިނިޓް ސޮލިއުޝަންސްއަކީ، ދުބާއީގެ އިތުރުން މެދުއިރުމަތީގެ ޤައުމުތަކުގައި މިފަދަ ގިނަ މަޝްރޫޢުތަކެއް ހިންގާފައިވާ އަދި ހިންގަމުންގެންދާ، ތަޖުރިބާ ލިބިފައިވާ ކުންފުންޏެއް ކަމަށެވެ.

އައްޑޫ ކަރަންޓު މައްސަލަ ހައްލުކުރަން ހަވާލުކުރީ ގޮތް ނޭނގޭ ބަޔަކާ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައިވާއިރު، އިހުސާން ވިދާޅުވީ އައްޑޫ ކަރަންޓު މައްސަލަ އަށް ދާއިމީ ހައްލެއް ގެނެސްދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އަދި ޕީއެންސީގެ މޭޔަރު ކެންޑިޑޭޓް މުޝްރިފް އަލީގެ ފުރިހަމަ އެއްބާރުލުމާއެކު ކަމަށެވެ.

އައްޑޫގައި ސެންޓްރަލް ޕަވާހައުސްއެއް ޤާއިމްކުރުމަށް، މީގެކުރިން ޗައިނާގެ ޑޮންފަން ކުންފުންޏާ ޙަވާލުކޮށްފައިވީ ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް މަޝްރޫޢު ކުރިއަށް ނުދިޔުމުގެ ސަބަބުން އެ އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށް ފެނަކައިން މައުލޫމާތުދެ އެވެ.

ފެނަކައިން ބުނީ މި މަޝްރޫޢުގެ ދަށުން މި ޕަވަރ ސްޓޭޝަންގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ، ބެލްޖިއަމް ކުންފުންޏެއްކަމުގައިވާ އަންގްލޯ ބެލްޖިއަން ކޯޕަރޭޝަން (އޭ.ބީ.ސީ)ގެ އުފެއްދުމެއް ކަމަށެވެ. ޔޫރަޕްގައި ބޭނުންކުރާ މި ބްރޭންޑްގެ އިންޖީނުތަކަކީ، މިހާރު އައްޑޫގައި ބޭނުންކުރާ ހައި ސްޕީޑް އިންޖީނުތަކާ ޚިލާފަށް ލޯ ސްޕީޑް ޒަމާނީ އިންޖީނުތަކެއް ކަމަށްވެސް ފެނަކައިން ހާމަކުރެ އެވެ.

އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށް ހަމަޖެހިފައިވާ މިމަޝްރޫޢު ފުރިހަމަވާއިރު، އައްޑޫ ސީ.ޕީ.އެސްގައި 26.37 މެގަވޯޓުގެ ކަރަންޓު އުފެއްދުމުގެ ޤާބިލްކަން ހުންނާނެ ކަމަށް ފެނަކައިން ބުނެ އެވެ.