Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

އިތުރު 14 ރަށަކަށް އެމްބިއުލާންސް ޙަވާލުކޮށްފި

އެމްބިއުލާންސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އިތުރު 14 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ޙަވާލުކޮށްފި އެވެ.

ސިއްޙީ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިރަށްތަކަށް އެމްބިއުލާންސްގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އަހްމަދު ޤާސިމް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އަހުމަދު ޤާސިމްވަނީ ސަރުކާރުން ޞިއްޙީ ދާއިރާ ކުރިއެރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ މުހިއްމު މަސައްކަތްތައް ފާހަގަކޮށް، ޝުކުރުއަދާކުރައްވާފަ އެވެ.

މިއަހަރު ޖެނުއަރީ މަސްތެރޭގައި ވެސް 56 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ވަނީ ހަވާލުކޮށްފަ އެވެ. އަދި އިތުރު އެމްބިއުލާންސް މިއަހަރުތެރޭގައި ހަވާލުކުރުމަށްވެސް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި އެމްބިއުލާންސްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ (މެއިންޓެނެންސް) މަސައްކަތްކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އެކު ހެލްތު މިނިސްޓްރީން ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފަ އެވެ.