Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

ވަތަނީ ހިދުމަތުގެ 3 ވަނަ ބުރަށް ހުޅުވާލައިފި

ވަތަނީ ހިދުމަތުގެ ތިންވަނަ ބުރުގައި ބައިވެރިވާން ޑިފެންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

މީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 5 އާ ހަމައަށެވެ. ބައިވެރިވާން އެދޭ ފޯމް ޑިފެންސް މިނިސްޓްރީގެ ވެބްސައިޓް www.defence.gov.mv އިން ޑައުންލޯޑް ކުރެވޭނެ އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ހުރިހާ ޒުވާނުންނަށް އެ ޕްރޮގްރާމަށް ކުރިމަތިލެވޭނެ ކަމަށެވެ. އަދި 18 އަހަރު ނުވާ ކުއްޖަކު ޕްރޮގްރާމުގެ ބައިވެރިވާން ބޭނުންވާ ނަމަ، އެ ކުއްޖެއްގެ ޝަރުއީ ނުވަތަ ގާނޫނީ ބަލަދުވެރިޔާގެ އިއުތިރާޒެއް ނެތް ނަމަ، އަދި ކުއްޖާ އަކީ ފުރިހަމަ ސިއްހަތެއްގައި ހުރި ކުއްޖެއް ނަމަ، ބައިވެރިވެވޭނެ އެވެ.

ވަތަނީ ހިދުމަތުގެ ތިން ވަނަ ބުރުގައި ބައިވެރިވާން ހުޅުވާލި އިރު، މީގެ ދެވަނަ ބުރު މިދިޔަ ޖެނުއަރީގައި ފަށައިގެން ކުރިއަށް އެބަދެ އެވެ. އެ ބެޗުގައި 112 ރަށަކުން 350 ޒުވާނުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 286 ފިރިހެން ބައިވެރިންނާއި 64 އަންހެން ބައިވެރިންނެވެ.

ވަތަނީ ހިދުމަތިގެ ފުރަތަމަ ބެޗްގައި މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި 344 ޒުވާނަކު ދަސްވެނިވިފައިވެ އެވެ. އަދި އޭގެ ތެރެއިން 66 ބައިވެރިޔަކު ބ. ކިހާދޫގައި އަންނަނީ ފަންނީ ދާއިރާތަކުން ތަމްރީނުތަކެއް ހަދަމުންނެވެ.

މިއީ ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފުސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.