Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

ބަންޑާރަ މިސްކިތާ ގުޅޭ ޕެޓިޝަނެއް މަޖިލީހަށް

މާލޭގެ ބަންޑާރަ މިސްކިތް ތަޅާލައި އެތަނުގައި އަ މިސްކިތެއް އަޅަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެފައިވާތީ އެތަން ތަޅާނުލައި، ތާރީހީ ތަރިކައެއްގެ ގޮތުގައި ހިމާޔަތް ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ބަންޑާރަ މިސްކިތަކީ 100 އަހަރުވާން ކައިރިވެފައިވާ ތާރީހީ ގޮތުން މުހިއްމު ތަނެކެވެ.

އެތަން ތަޅާލައި ޒަމާނީ ފެންވަރުގެ ބޮޑު މިސްކިތެއް އަޅަން ނިންމާފައިވާ ކަމަށް މިނިސްޓަރު މިދިޔަ ހަފުތާގެ ތެރޭގައި ވިދާޅުވުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެ ކަންބޮޑުވުންތަކާ ގުޅިގެން ޝަހީމް ފަހުން ވަނީ އެކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ބަންޑާރަ މިސްކިތް ހިޔާމަތް ކުރަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅީ ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ކަމަށް ވާދަކުރާ ހުސައިން ފުރުޝާނެވެ.

އޭނަގެ ޕެޓިޝަނުގައި ބުނެފައި ވަނީ މާލޭ ބަންޑާރަ މިސްކިތް އެންމެ ޚާއްސަވެގެން ދަނީ އިނގިރޭސި ހިމާޔަތުގެ އަޅުވެތިކަމަށް ދިޔުމާ އަދި އެ އަޅުވެތިކަމުން މިނިވަންވުމާއި އެ މިސްކިތާ ގިނަ މާނައެއްގައި ގުޅިފައިވާތީ ކަމަށެވެ. އަދި އިނގިރޭސި ހިމާޔަތަށް އޭގެ އެތައް އަހަރެއް ފަހުން ރާއްޖެ މިނިވަންވުމާ ގުޅިފައިވާ މުހިންމު ހުރިހާ ތަނެއް ނައްތާލެވިފައިވާ ކަމަށާއި އެ މުހިންމު ހަނދާނަކަށް ހަމައެކަނި ފެންނާން ހުރި ބިނާ އަކީ މާލޭ ބަންޑާރަ މިސްކިތް ކަމަށް ބުނެފައިވެ އެވެ.

މަޖިލީހަށް ހުށަހަޅާ އީ-ޕެޓިޝަންތައް ކުރިއަށް ގެންދާނީ ހަ ހަފްތާގެ ތެރޭގައި 500 ސޮއި ހަމަކޮށް މެންބަރަކު މެދުވެރިކޮށް ޕެޓިޝަން ހުށަހެޅުމުންނެވެ. ޕެޓިޝަނަކަށް މަދުވެގެން 840 ސޮއި ހަމަވެއްޖެ ނަމަ ސަރުކާރުގެ ސަމާލުކަމަށް ގެންނާނެ އެވެ. އަދި 2100 ސޮއި ހަމަވެއްޖެ ނަމަ މަޖިލީހުގައި ބަހުސްކޮށް މައްސަލައެއް ގޮތުގައި ކުރިއަށް ގެންދާނެ އެވެ.

މަޖިލީހުގެ އިދާރާ އިން އީ-ޕެޓިޝަން ތައާރަފުކުރި ފަހުން އެކި މައްސަލަތަކާ ގުޅޭ ޕެޓިޝަންންތަކެއް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި އުމުރުން 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކުރަން ގޮވާލައި ހުށަހެޅި ޕެޓިޝަނަކާއި ޓޫރިސްޓުން ރަށްރަށުގައި ނިވާކަން ކުޑަކޮށް އުޅޭތީ އެކަމާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅަން ގޮވާލައި ހުށަހެޅި ޕެޓިޝަނެއް ހިމެނެ އެވެ.