އިންޑިއާ އިން ރާއްޖެ އަށް ދީފައިވާ ސްކޮލަޝިޕްތަކަކަށް ކުރިމަތިލާން ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.
އިންޑިއަން ކައުންސިލް ފޮ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރް) އިން ހިންގުމަށް ހަމަޖެހިފައިވާ "އެއިޑް-ޓު-މޯލްޑިވްސް ސްކީމް" ގެ ދަށުން 20 އަންޑަ-ގްރެޖުއޭޓް ސްކޮލަޝިޕް ލީބިފައިވެ އެވެ.
އެހެންވެ ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 15 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މިނިސްޓްރީން ބުނީ ސްކޮލަޝިޕްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެތަނުން ޤަބޫލުކުރާ ކޯހެއްކަން ވެސް ކަށަވަރު ކުރަން އެދޭ ކަމަށެވެ.
މީގެއިތުރުން ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ލައިސެންސެއް އޮންނަން ޖެހޭ ދާއިރާއެއްގެ ކޯހެއް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން އެ ކޯހަކީ ކަމާބެހޭ އިދާރާތަކުން ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ވެސް ކަށަވަރު ކުރަން ޖެހެ އެވެ.