ފަހަކަށް އައިސް ފޭސްބުކްގައި ބަލިމީހުންގެ ފޮޓޯ ބޭނުންކޮށްގެން މެޑިކަލް އެހީއަށް އެދި މަކަރާ ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވެފައިވާތީ އެކަމަށް ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ބުނީ، އެފަދަ މައްސަލަތައް ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި، އެފަދަ ގިނަ ޕޯސްޓްތަކަކީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ ސްކޭމްތަކެއް ކަމަށެވެ. އެެހެންވެ މިފަދަ ސްކޭމްތައް ހިންގާ ފަރާތްތަކުން ބޭނުން ކުރާ އުކުޅުތަކުގެ ތެރޭގައި އިންޓަނެޓުންނާއި ރާއްޖޭން ބޭރުގެ ވެބްސައިޓްތަކުން ބަލިމީހުންގެ ފޮޓޯ ނަގައިގެން ބޭނުންކުރުން ހިމެނޭކަން ވެސް ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން ކުޑަކުދިންނާއި ބޮޑެތި ބަލިތަކުގެ ވާހަކަ ދައްކައިގެން މީހުންގެ ހަމްދަރުދީ ހޯދުމާއި، ޕޯސްޓްގައިވާ ނަންބަރަށް ގުޅުމުން ފޯނު ނުނެގުން ނަމަވެސް މެސެޖަށް ޖަވާބު ދިނުން ފަދަ އުކުޅުތައް ބޭނުންކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެހެންވެ މިކަމަށް ސަމާލުވާން އެދިފައިވެ އެވެ. އެގޮތުން ފައިސާ ފޮނުވުމުގެ ކުރިން މައުލޫމާތު ކަށަވަރުކޮށް ޔަޤީން ކުރުމާއި، "ގޫގަލް ރިވާސް އިމޭޖް" ބޭނުންކޮށްގެން އެ ފޮޓޯ އަކީ ސައްޙަ ފޮޓޯއެއްކަން ކަށަވަރު ކުރުމުގެ އިތުރުން، ޔަގީންނުވާ ޕޯސްޓްތައް ޝެއާ ކުރުމުން ދުރުހެލިވުމަށް އެދިފައިވެ އެވެ.
ސްކޭމްގެ މައްސަލަތައް 125 އަށް ގުޅައި ރިޕޯޓް ކުރެވޭނެ އެވެ.