ހިންދީ ސިނަމާގެ ކުރީގެ މަޝްހޫރު ބަތަލާ މަދޫބާލާގެ ބައޮގްރަފިކަލް ޑްރާމާ ޒުވާން ބަތަލާ އަނީތު ޕައްޑާ އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 23 އަހަރުގެ ބަތަލާ އަކީ މިދިޔަ އަހަރު ރިލީޒްކޮށް، ބޮޑު ކާމިޔާބީއެެއް ހޯދި 'ސައްޔާރާ' އިން ވިދި ބަތަލާ އެވެ. މީޑިއާތަކުން ބުނީ ޖަސްމީތު ކޭ ރީން ޑައިރެކްޓްކުރާ ގޮތަށް 2024 ގައި އިއުލާންކުރި 'މަދޫބާލާ' ގައި ޓައިޓްލް ރޯލު ކުޅޭނީ އަނީތު ކަމަށާއި ވަރަށް އަވަހަށް މި ފިލްމުގެ ޝޫޓިން ވެސް ފަށާނެ ކަމަށެވެ.
މީގައި ޕްރޮޑިއުސަރެއްގެ ގޮތުގައި މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ވެސް މިހާރު ހިއްސާވާ ކަމަށް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުންޏެވެ.
އަނީތު ލައްވައި 'މަދޫބާލާ' ކުޅުވަން ނިންމާފައިވާކަމުގެ އަޑުތައް ގަދަވެފައި މި ވަނީ މި ފިލްމު ކިއާރާ އަދުވާނީ އަށް ހުށަހެޅިކަމުގެ ވާހަކަތަތަކެއް ވެސް ދެކެވިފައި ވަނިކޮށެވެ.
ނަމަވެސް ފިލްމުގެ ކާސްޓިންއާ ބެހޭ ގޮތުން ދެކެވޭ ވާހަތަކާ ގުޅޭ ގޮތުން ފިލްމުގެ ޓީމުން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނާތީ އަނީތު ފިލްމަށް ނެގިކަން އަދި ކަށަވަރެއް ނުވެ އެވެ. މިކަން ތެދަކަށްވެއްޖެ ނަމަ 'މަދޫބާލާ' ވާނީ ކިއާރާ އަށް ހުށަހެޅި ފިލްމެއް ދެވަނަ ފަހަރަށް އަނީތު އަށް ލިބުމެވެ.
އަނީތު ސޮއިކުރި ދެވަނަ ފިލްމަކީ ކުރިން މެޑޮކް ފިލްމްސްގެ ހޮރޯ-ކޮމެޑީ ޔުނިވާސް އަށް ކިއާރާ ލައިގެން ހަދަން ނިންމި ޝަކްތީ-ޝާލިނީ އެވެ. ނަމަވެސް ފިލްމު ރަސްމީކޮށް މިދިޔަ އަހަރު އިއުލާންކުރީ ކިއާރާގެ ބަދަލުގައި އަނީތު ހިމަނައިގެންނެވެ.
މަދޫބާލާގެ ޑައިރެކްޝަނާ ހަވާލުވެފައިވާ ޖަސްމީތަކީ އާލިއާ ބަޓްގެ 2022 ގެ 'ޑާލިންސް' ގެ ޑައިރެކްޓަރެވެ. އޭނަ ޑައިރެކްޓްކުރާ ގޮތަށް 'މަދޫބާލާ ރަސްމީކޮށް' އިއުލާންކުރީ މާޗް 15، 2024 އެވެ.
މަދޫބާލާގެ ވާހަކަ ފިލްމަކުން ކިޔައި ދޭން ފިލްމެއް ހަދަން އުޅޭ ވާހަކަ ދެކެވޭތާ މިހާރު އެތައް އަހަރެކެވެ.
އޭނަ އަކީ ހިންދީ ސިނަމާގެ ރަންޒަމާނުގެ އެންމެ މަގުބޫލު އެއް ބަތަލާ އެވެ. ރީތިކަމާއި މޮޅު ހުނަރުގެ ސަބަބުން އާންމުންގެ ތެރޭގައި ބޮޑު މަޝްހޫރު ކަމެއް ހޯދި މަދޫބާލާ އަކީ ހިންދީ ސިނަމާގައި 1950 އާއި 1960 ގެ ތެރޭގައި އެންމެ ޑިމާންޑް ބޮޑުވި އެއް ބަތަލާ އެވެ. އޭނަ ކުޅުނު ފިލްމުތަކުގެ ތެރޭގައި މުގްލޭ އާޒަމް (1960)، ޗަލްތީ ކާ ނާމް ގާޅީ (1958)، މެހެލް (1949) އަދި "މިސްޓް އެންޑް މިސިޒް 55 (1955) ފަދަ ކާމިޔާބު އެތައް ފިލްމެއް ހިިމެނެ އެވެ.
މަދޫބާލާގެ އެންމެ ފަހު ފިލްމަކީ މަރުވި ފަހުން 1971 ގައި ރިލީޒް ކުރި "ޖުވާލާ" އެވެ.
ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ/އެކްޓަރު ކިޝޯރް ކުމާރާ ކުރި ކައިވެނި ވެސް ރޫޅި، ރަލަށް ދެވި ހިފައި އުމުރުން އެންމެ 36 އަހަރުގައި މަދޫބާލާ މަރުވީ 1969 ގަ އެވެ.