މުދަލު ޒަކާތަށް މިދިޔަ މަހުގެ ނިޔަލަށް 17.9 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މުދަލު ޒަކާތުގެ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހު 6.05 މިލިއަން ރުފިޔާ ލިބުނު އިރު މިދިޔަ މަހު ލިބުނީ 11.8 މިލިއަން ރުފިޔާ އެވެ. މުދަލު ޒަކާތުގެ ގޮތުގައި މި އަހަރު ލިބުނު އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ އިތުރުވެފަ އެވެ. އެގޮތުން އަހަރުގެ ފުރަތަމަ ދެ މަހުގެ ތެރޭގައ ޖުންލަ 17.9 މިލިއަން ރުފިޔާ ލިބުނު މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 11.2 މިލިއަން ރުފިޔާ އެވެ.
ރާއްޖޭގައި މިހާރު މުދަލުގެ ޒަކާތް ދައްކާ މީހުން އިތުރުވަމުން އަންނަ އިރު، އެންމެ ފަހުން މުދަލު ޒަކާތުގެ ނިސާބަށް ބަދަލު ގެނައީ މިދިޔަ ޑިސެމްބަރު 21ގަ އެވެ. އެގޮތުން މުދަލުގެނިސާބަކީ 19،527.90ރ. އެވެ.
މުދަލު ޒަކާތުގެ ނިސޯބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ފަރުޟެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.