Last Updated: June 5, 11:07
Friday, June 5, 2026
މުނިފޫހިފިލުވުން

'ޓޮކްސިކް' އާ ހެދި ވަރޫންގެ ފިލްމަަށް ފަސްވުމެއް

ކުރިން މި މަހު ރިލީޒްކުރާ ގޮތަށް އޮއްވައި މި އަހަރުގެ ޖޫން އަށް 'ޓޮކްސިކް: އަ ފެއަރީ ޓޭލް ފޯ ގްރޯން އަޕްސް' ފަސްކުރުމާ ގުޅިގެން ވަރޫން ދަވަންގެ ފިލްމު 'ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ' ހަފުތާއެއްހާ ދުވަހުގެ ލަސްވުމެއް ގެންނަން ނިންމައި އެކަން މިއަދު އިއުލާންކޮށްފި އެވެ.

އޭނަގެ ބައްޕަ މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަން ޑައިރެކްޓްކޮށްފައިވާ މި ރޮމޭންޓިކް ކޮމެޑީ ކުރިން ރިލީޒްކުރާ ގޮތަށް އޮތީ ޖޫން 5 ގަ އެވެ. ނަމަވެސް އޭގެ އެއް ދުވަސް ކުރިން މަޝްހޫރު ކަންނާޑާ އެކްޓަރު ޔާޝްގެ 'ޓޮކްސިކް' ތާވަލު ކުރުމާ ގުޅިގެން 'ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ' ރިލީޒް ކުރަން މިހާރު ނިންމާފައި ވަނީ އޭގެ ހަފުތާއެއް ދުވަސް ފަހުން ޖޫން 12 ގަ އެވެ.

ޕްރޮޑިއުސަރު ރަމޭޝް ތައުރާނީގެ ޓިޕްސް އިން ހަދާފައިވާ މި ފިލްމުގައި ވަރޫންއާ އެކު ލީޑް ބަތަލާއިންގެ ގޮތުގައި ފެންނާނީ މުރްނާލް ތާކޫރް އާއި ޕޫޖާ ހެގްޅޭ އެވެ. 'ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ' ގެ އިތުރު ކާސްޓުންގެ ތެރޭގައި މޯނީ ރޯއި، ޗަންކީ ޕާންޑޭ، ކުބްރާ ސައިތު، މަނީޝް ޕޯލް، ޖިމީ ޝެރްގިލް އަދި މަނޯޖް ޕަހްވާ ފަދަ ފަންނާނުން ހިމެނެ އެވެ.

މި ފިލްމަކީ ބައްޕައާ އެކު ވަރޫން މަސައްކަތް ކުރި ހަތަރު ވަނަ ފިލްމެވެ. ދެބަފައިން އެކީގައި އެންމެ ފަހުން ގެނެސްދިން ފިލްމަކި 2020 ގެ ކޫލީ ނަންބަރު 1 އެވެ.

ވަރޫންގެ މި އަހަރުގެ ފުރަތަމަ ފިލްމަކީ ޖެނުއަރީގައި ރިލީޒްކުރި 'ބޯޑާ 2' އެވެ.