Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ބިދޭސީއަކަށް ފުލުހުން އަނިޔާކުރި މައްސަލައެއް ބަލަނީ

ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ބިދޭސީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބަލަން ފަށައިފި އެވެ.

އެތަނުން އެ މައްސަލަ ބަލަން ފެށީ ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތުކޮށް ހުށަހެޅުމާ ގުޅިގެންނެވެ.

ފުލުހުން އަނިޔާކުރި ކަމަށް ބުނާ މީގާ އަކީ މިދިޔަ މަހުގެ ފަހުކޮޅު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ދެ ދޯންޏެއް ބަލައި ފާސްކޮށް، 3 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަތް މައްސަލާގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ ހަނީފް، 36، އެވެ

އެ މައްސަލައިގައި އޭނައާ އެކު ދިވެއްސަކު ވެސް ހައްޔަރުކުރި އެވެ. އެއީ ގއ. މާމެންދޫ، ފިޔާތޮށިވިލާ، އަޒުހަދު ނަސީމް، 28، އެވެ.

ބަންގްލަދޭޝްގެ ހަނީފަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތުކުރާ މައްސަލަ އެޗްއާރުސީއެމުން ތަހުގީގު ކުރަމުން އަންނަކަން ކަން ފުލުހުންނަށް އަންގާފައިވާ ކަމަށް ފުލުހުން ރޭ ބުންޏެވެ.

އެ ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މި މައްސަލައިގައި ފުލުހުން ތުހުމަތުތަކާ ގުޅިގެން ބެލިބެލުމުން އެ މީހާ ބަންދުކުރުމުގެ މަރުހަލާގައި ނުވަތަ ބަންދުގައި ހުރި މުއްދަތުގައި ވެސް އަނިޔާއެއް ލިބިފައިވާކަމުގެ އެއްވެސް ޝަކުވާއެއް ކޮށްފައެއް ނުވާ ކަމަށެވެ. އަދި ބަންދުގެ އިޖުރާއަތްތަކުގެ ތެރެއިން މައުލޫމާތު ސާފުކުރި އިރު ވެސް އަނިޔާގެ އެއްވެސް ވާހަކައެއް ހިއްސާކޮށްފައި ނުވާ ކަމަށާއި ޑޮކްޓަރަށް ދެއްކުމަށް އެދިފައި ވެސް ނުވާ ކަމަށް ފުލުހުން ބުންޏެވެ.