Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

އިންތިހާބުތައް އެއްކޮށް ބާއްވަން ހާއްސަ މަޖިލީހުން ވެސް ތާއީދު

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް: -- ފޮޓޯ/ މަޖިލީސް

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ، މިހާރު ޢަމަލުކުރަމުންދާ ފެހި ޤާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ތާއީދު ލިބުނު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެ އިންތިޚާބު ބާއްވާނެ ތާރީޚުތަކާ ގުޅޭގޮތުން ޚާއްޞަ މަޖިލީހުގައި ފުޅާ ދާއިރާއެއްގައި ބަހުސްކުރެވުނު ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ތިން ހުށަހެޅުމެއް ހުށަހެޅި، އެ މަޖިލީހުން އެކަމަށް ގޮތްތަކެއް ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އެގޮތުން ޚާއްޞަ މަޖިލީހަށް ހުށަހެޅުނު އިޞްލާޙުތަކުގެ ތަފްސީލް ހާމަކުރައްވަމުން ނާޒިމް ވިދާޅުވީ، އެއީ މާލޭ މެންބަރު އިބްރާހީމް އިސްމާޢީލް (އިބުރާ) އާއި، މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޢަލީ ވަޙީދުގެ އިތުރުން އެ ދާއިރާގެ މެންބަރު ޝާހީން ޙަމީދު ހުށަހެޅުއްވި އިޞްލާޙުތަކެއް ކަމަށެވެ.

އިބްރާހީމް އިސްމާޢީލް ހުށަހެޅުއްވި އިޞްލާޙުގައި ބުނެފައި ވަނީ "ދެން އެންމެ އަވަހަށް އޮންނަ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނީ އެކުއެކީގައި" ކަމަށެވެ. އަދި މި ދެ އިންތިޚާބު އެކުއެކީގައި ބާއްވާނީ ޤާނޫނުއަސާސީ އަށް ޢަމަލުކުރަން ފަށާތާ ހަ މަސް ދުވަހާއި އަށް މަސް ދުވަހާ ދޭތެރޭގައި ކަމަށް ވެސް އެ އިޞްލާޙުގައިވެ އެވެ. މީގެ އިތުރުން ޢަލީ ވަޙީދާއި ޝާހީން ޙަމީދު ހުށަހެޅުއްވި އިޞްލާޙުތަކުގައި ވެސް ބާރުއަޅާފައި ވަނީ 6 މަހާއި 8 މަސްދުވަހުގެ ތެރޭގައި ދެ އިންތިޚާބު އެކުގައި ބޭއްވުމަށެވެ.

ނާޒިމް މިކަން ފާހަގަކުރައްވާފައިވާއިރު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ދާދިފަހުން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މި ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ވަނީ ނިންމައިފަ އެވެ.