އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންގެންދާ ހަމަލާތަކާއި ރައްދުގައި އީރާނުން ގަފްލް ސަރަހައްދުގެ ގައުމުތަކަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް ރާއްޖެއިން ގޮވާލައިފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އީރާނުން ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، ކުވެއިތު، ބަހްރޭން އަދި އެހެނިހެން އަޚުވަންތަ ގައުމުތަކަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ޚާއްޞަކޮށް، ގަލްފު ސަރަހައްދުގެ މަދަނީ ތަންތަނަށާއި، އެއަރޕޯޓްތަކަށާއި، ތެޔޮ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާމެދު ރާއްޖޭން ނުހަނު ކަންބޮޑުވާ ކަމަށާއި މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ޖެނީވާ ކޮންވެންޝަނާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއް ކަމަށްވާއިރު، ގަލްފުގެ ގައުމުތަކުން އެއްވެސް ކުރިމަތިލުމަކަށް ނުދަނީސް، އީރާނުން އެ ގައުމުތަކަށް ހަމަލާދެމުންދާތީ އެކަމާ ހިތާމަކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން، އިސްރާއީލާއި އެމެރިކާއިން އީރާނަށް ދެމުންދާ އަސްކަރީ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ގޯސްވަމުންދާތީ، އެކަމުގެ ކަންބޮޑުވުން ވެސް ރާއްޖެއިން ވަނީ ފާޅުކޮށްފަ އެވެ. މިގޮތުން ސަތޭކައަށްވުރެ ގިނަ އާންމުން މަރުވި އަންހެން ކުދިންގެ ސްކޫލަކަށް ދިން ހަމަލާއާއި، ހޮސްޕިޓަލްތަކާއި ތެޔޮ މަރުކަޒުތަކަށް ދީފައިވާ ގެއްލުން ބޮޑު ހަމަލާތައް ދިވެހި ސަރުކާރުން ވަނީ ކުށްވެރިކޮށްފަ އެވެ.
މި އަމަލުތަކުގެ ސަބަބުން ގަލްފު ސަރަހައްދުގެ ނުތަނަވަސްކަން އިތުރުވަމުންދާކަން ފާހަގަކުރަނީ ނުހަނު ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށާއި މި ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ސުލްހަ ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅޭތީ، ހުރިހާ ފަރާތްތަކަކުންވެސް ވަގުތުން ހަމަލާތައް ހުއްޓާލުމަށް ރާއްޖެއިން ވަނީ ގޮވާލާފަ އެވެ.
މީގެއިތުރުން މި ސަރަހައްދަށް ސުލްހަމަސަލަސްކަމާއި އަމާންކަން ގެނައުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުން ކުރާ ޑިޕްލޮމެޓިކް މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.