Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

އޮސްޓްރިއާއަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުވައިފި

ރާއްޖެއިން އޮސްޓްރިއާއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު ޑޮކްޓަރ ސަލްމާ ރަޝީދު އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އޮސްޓްރިއާގެ ރައީސް، އެލެކްސެންޑަރ ވޭން ޑަރ ބެލެން އަށް މިއަދު އަރުވައިފި އެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ހުންނަ ރަސްމީ ގަނޑުވަރުގައެވެ.

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި ސަފީރު ޑރ. ސަލްމާ ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އޮސްޓްރިއާގެ ފެޑެރަލް ރައީސަށާއި އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

އަދި އެކަމަނާ ވަނީ ރާއްޖެ އާއި އޮސްޓްރިއާ އާ ދެމެދު އޮންނަ ގާތް ގުޅުމުގެ މައްޗަށް ނަޒަރުހިންގަވައި، އިޤުތިޞާދީ ގޮތުން ގުޅިގެން މަސައްކަތް ކުރުމަށާއި، ދެ ޤައުމުގެ ރައްޔިތުން ދެމެދު އޮންނަ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. މީގެ އިތުރުން، ދެޤައުމުން އިސްކަންދޭ އެހެނިހެން މުހިންމު ދާއިރާތަކުން ދެމުންގެންދާ އެއްބާރުލުން އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން އެކަމަނާ ވަނީ އަރުވާފައެވެ.

ވިއެނާއަށް ކުރެއްވި މިދަތުރުފުޅުގައި ސަފީރު ޑރ. ސަލްމާ ވަނީ އޮސްޓްރިއާގެ ޚާރިޖީ ވުޒާރާގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފަ އެވެ. މިބައްދަލުވުންތަކުގައި ރާއްޖެއާއި އޮސްޓްރިއާ އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި ބައިނަލްއަޤުވާމީ މައިދާނުގައި ދެޤައުމުންވެސް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.