Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

ދެ އިންތިޚާބު އެކީގައި ބާއްވަން އެމްޑީއޭއިން ތާޢީދުކޮށްފި

އެމްޑީއޭގެ ލީޑަރު ސިޔާމް

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގެ ބޭއްވުމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު ސިޔާމް މުޙައްމަދުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ތާއީދުކޮށްފި އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ދާދިފަހުން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މި ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ވަނީ ނިންމައިފަ އެވެ.

އެމްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރާއްޖޭގެ އިޤްތިސާދީ ޙާލަތާއި، ޤައުމުގެ ސުލްހަމަސަލަސްކަމަށް ރިޢާޔަތްކުރާއިރު، ދިވެހި ދައުލަތަށާއި، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެވެ. އަދި އިންތިޚާބުތައް އެއްކޮށްލުމަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި ދަރަނި މެނޭޖްކުރަން ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް ސަރުކާރުން ބުނާ ބުނުމަށް ފުރިހަމައަށް ތާޢީދު ކުރާ ކަމަށެވެ.

ޚާއްސަކޮށް މިއީ ދިވެހި ޤައުމުގެ ކުރިމަގަށް އަޅާ ހަރުދަނާ/ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި ދެކޭ ކަމަށް ވެސް ބުނެފައިވެ އެވެ. އެހެން ކަމުން އެ ޕާޓީން ވަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގެ ބޭއްވުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމަށް މަރުޙަބާ ކިޔާފަ އެވެ.

"މި ޕާޓީ އަބަދު ވެސް ދެމިއޮންނާނީ ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމުގައެވެ،" އެމްޑީއޭއިން ބުންޏެވެ.