އައްޑޫގެ އެމްޑީޕީ މެމްބަރުން އިންތިޒާމު ކުރާ ހާއްސަ ހިނގާލުމެއް މިއަދު ހަވީރު މަރަދޫ ބަނަދަރުގައި އޮންނާނެކަމަށް އެޕާޓީގެ އައްޑޫ ދާއިރާއިން ބުނެފިއެވެ.
ހިގާލުން އިންތިޒާމުކުރުމުގައި އިސްކޮށް އުޅުއްވާ ސަބްރީ އައްޑޫލައިވަށް މައުލޫމާދު ދިން ގޮތުގައި މިއަދުގެ ހިނގާލުމަކީ އެމްޑީޕީގެ ގައުމީ މަޖްލިސް އިން މިހާރު ރާއްޖޭގައި އޮތް ވެރިކަމަކީ ބަޤާވާތެއް ކަމަށް ނިންމައި އެ ބަޤާވާތް ކުށްވެރިކުރުމުގެ ގޮތުން މުޅި ރާއްޖޭގައި ހިނގާލުމެއް ބާއްވަން ނިންމުމާއި ގުޅިގެން އޭގައި ބައިވެރިވުމުގެ ގޮތުން އައްޑުގެ އެމްޑީޕީ މެމްބަރުން އިންތިޒާމު ކުރާ ހިނގާލުމެކެވެ.
ސޮބްރީ ބުނީ މި ހިނގާލުން ފެށޭނީ މަރަދޫ ބަނދަރުން މިއަދު ހަވީރު 4 ޖަހާއިރުއެވެ.
"އަޅުގަނޑުމެން އޮންނާނީ ހުރިހާ ރަށެއްގެ މެމްބަރުންވެސް އެރަށެއްގެ އެމްޑީޕީ ހަރުގެއަށް 3 ޖަހާއިރު ޖަމާވާން ބުނެފަ. އެތަނުން އެންމެން ދަތުރުކުރާނީ މަރަދޫ ބަނދަރަށް" ސޮބްރީ ބުންޏެވެ.
ސޮބްރީ ބުނީ އެހާ ހިސާބުން ބަޤާވާތް ކުށްވެރިކުރުމުގެ ޝުއޫރު ލިޔެފައިވާ ބެނާ ތަކާއި އެކު މަރަދޫ ބޮޑު މަގުން ފަށައިގެން ގަމާއި ހިސާބަށް ގޮސް އެހިސާބުން ލިންކު ރޯޑަށް އަރައިގެން އައިިސް މަރަދޫ ބަނދަރަށް ހިނގާލުން ނިންމާލާނީ ކަމަށެވެ.
އަދި މީ ސުލްހަވެރި ހިނގާލުމެއް ކަމަށްވެސް ސޮބްރީ ބުންޏެވެ.