Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

އީދު ހަނދު ސާބިތު ކުރުން 18 ގައި

މި އަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމުގެ ކަންކަން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިއުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފި އެވެ.

ހަނދު ބެލުމުގެ ކަންކަން އެހެން އަހަރުތަކުގައި ވެސް އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ހަނދު ބެލުމަށް ދިޔުމާއި، ހަނދު ފެނުނު ކަމަށް ހެކިބަސް ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް ހެކިބަސް ދިނުމުގެ އިންތިޒާމް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް ޑީޖޭއޭ އިން ވަނީ ހަމަޖައްސާފަ އެވެ.

އެތަނުން ބުނީ ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރު ވެސް ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ޝައްވާލް މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައި ވަނީ މާލޭގައި ނަމަ، މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިފުޅުމަތީގައި ކަމަށެވެ. އަދި އަތޮޅުތެރޭގެ ރަށެއްގައިނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅުމަތީގައި ކަމަށާއި މެޖިސްޓްރޭޓެއް ގާއިމުވެ ނެތް ރަށެއްގައި ނަމަ، އެ ވަގުތަކު އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓާ ހަވާލުވެ ހުންނެވި މެޖިސްޓްރޭޓެއްގެ ކުރިފުޅުމަތީގައި ކަމަށް ވެސް ޑީޖޭއޭއިން ބުންޏެވެ.

ޝައްވާލް މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ރަމަޟާން މަހުގެ 29 ވަނަ ދުވަސް ކަމަށްވާ 18 މާޗުގެ ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭ އާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވާފައި ހުންނާނެ އެވެ.

އެހެންވެ މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީ އެންމެ އަވަހަކަށް މާލޭގައި ނަމަ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް، ރަށްރަށުގައި ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވެ ހަނދާ ބެހޭ މަޢުލޫމާތު ދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ. އަދި ހަނދު ފެނިގެން އެ މައުލޫމާތު ދޭއިރު ގާތްގަނޑަކަށް ހަނދު ހުރި އުސްމިނާއި މިސްރާބާއި އަދި މި ނޫން ވެސް މިފަދަ މުހިންމު މައުލޫމާތު ދޭންވާނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފަ އެވެ.

މެޖިސްޓްރޭޓެއް ނެތް ރަށްރަށުގައި އެ ވަގުތަކު ކޯޓާ ހަވާލުވެ ހުންނެވި މެޖިސްޓްރޭޓެއް ހުރި ރަށަކަށް ދާންޖެހޭ ނަމަ ނުވަތަ ހެކިބަސް އަދާކުރުމަށްޓަކައި ދަތުރެއް ކުރަންޖެހޭނަމަ އެ މީހެއްގެ އައުމާއި، ދިއުމުގެ ޚަރަދު ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް ޑީޖޭއޭއިން ބުނެ އެވެ.

ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި އިސްލާމިކް މިނިސްޓްރީން ޚާއްސަ ޖަލްސާއެއް ވެސް ބާއްވާނެ އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު އީދު ދުވަހަކީ މި މަހުގެ 20 އެވެ.