Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

ތިލަފުށީ ޕޯޓް ޑިޒައިން ކުރަން ބަޔަކު ހޯދަނީ

މާލޭގެ މިހާރުގެ ވިޔަފާރި ޕޯޓް.

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރަން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން އެތަނުގެ ޓާމިނަލާއި އެންމެހާ ފެސިލިޓީތަކުގެ ޑީޓެއިލް ކުރެހުންތައް ތައްޔާރުކޮށް ދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފި އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ އެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއައިއޯ) ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ފޭސް އެކެއްގެ ބައެއް މަސައްކަތްތައް މިދިޔަ މަހުގެ ތެރޭގައި ޗައިނާގެ ހާބާ އިންޖިނިއަރިން ކޮމްޕެނީއާ ވެސް ހަވާލުކޮށްފައިވެ އެވެ.

"ލޯކަލް ހަބާރާ ރިލީފް ޕްރޮޖެކްޓް" ގެ ދަށުން ބަނދަރަށް ބޭނުންވާ ފެސިލިޓީތައް ތަރައްގީ ކުރުމަށްޓަކައި ހަދަން ޖެހޭ ޑީޓެއިލް ޑިޒައިނިންގެ ތެރެއިން ޕޯޓުގެ މައި ޓާމިނަލާއި ކޮންޓެއިނާ ޔާޑާއި ސްޓޯރޭޖް އޭރިއާ އާއި އިދާރީ އޮފީސް އިމާރާތާއި ކޮންޓްރޯލް ޓަވަރާއި ގޭޓް ކޮމްޕްލެކްސް އާއި ވޯކްޝޮޕް/މެއިންޓަނަންސް ފެސިލިޓީ އަދި ސްޓާފް ސަޕޯޓް ފެސިލިޓީ ހަދަން ޖެހެ އެވެ.

އެގޮތުން ޑީޓެއިލް ޑިޒައިންގެ ތެރެއިން އިމާރާތްތަކުގެ ސްޓްރަކްޗަރަލް ޑިޒައިނިން އާއި އަރކިޓެކްޗަރަލް މަސައްކަތްތައް ޑިޒައިން ކުރުން ވެސް ހިމެނެއެވެ. މީގެ އިތުރުން ކޮންޓެއިނަރު ބަހައްޓާ ސަރަޙައްދާއި ޕޯޓުގެ މަގުތައް ތަރައްޤީކުރުމާއި ޔުޓިލިޓީ ޚިދުމަތްތައް ޤާއިމުކުރުމުގެ ޕްލޭންގެ ޑިޒައިން ވެސް ހަދަން ޖެހެ އެވެ.

އެމްޕީއެލުން ބުނެފައިވާ ގޮތުގައި ތިލަފުށީގައި ހަދާ ޕޯޓަކީ ކުރިއަށް އޮތް 30 އަހަރަށް އަމާޒުކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރިތަކަށް ފަސޭހަވާނެހެން ތަރައްގީ ކުރާނެ ތަނެކެވެ. ތިލަފުއްޓަށް ޕޯޓް ބަދަލުވުމުން، މިހާރު ބޭނުން ބޭނުންކުރާ މާލޭގެ ޕޯޓް ސަރަހައްދު ސަރުކާރުގެ އެހެނިހެން ބޭނުންތަކަށް ހުސްކުރަން ވަނި ނިންމައިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އަންނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ތިލަފުށީ ޕޯޓް ބޭނުން ކުރަން ފެށޭނެ ކަމަށެވެ.