Last Updated: July 11, 19:25
Saturday, July 11, 2026
ޚަބަރު

"ދަނޑުވެރި ނަފާ" ލޯނު 54 ފަރާތަކަށް

"ދަނޑުވެރި ނަފާ" ލޯނު ޕްރޮގްރާމްގެ ދަށުން މިހާތަނަށް 54 ފަރާތަކަށް 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި އެވެ.

މި ލޯނު ސްކީމަކީ އެސްއެމްއީ ފައިނޭންސް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި އެގްރިކަލްޗަ މިނިސްޓްރީ ގުޅިގެން ރާއްޖޭގައި ދަނޑުވެރިކަން ކުރާ އެހީތެރިވުމުގެ ގޮތުން ތައާރަފުކުރި ސްކީމެކެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެތަނުގެ ދަނޑުވެރިންގެ ދަފްތަރުގައި މިހާރު 7،000 އަށްވުރެ ގިނަ ދަނޑުވެރިން އެބަތިއްބެވެ. ނަމަވެސް 2019 އިން ފެށިގެން ދޫކުރާ ދަނޑުވެރި ނަފާ ލޯނު މިހާތަނަށް ދޫކޮށްފައި ވަނީ 54 ފަރާތަކަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ފަސް ކުންފުންޏަކާއި 44 ފިރިހެން ދަނޑުވެރިއަކާއި އަންހެން ފަސް ދަނޑުވެރިއެކެވެ.

"ދަނޑުވެރި ނަފާ" ލޯނުގައި ދެ ގިންތިއަކުން ލޯނު ދޫކުރެއެވެ. އެއީ، 100،000ރ. އާ ހަމައަށް ދޫކުރާ ލޯނަކާއި، އެ އަދަދުން ފެށިގެން ފެށިގެން ދެ މިލިއަނާ ހަމައަށް ދޫކުރާ ލޯނެވެ. މިއިން ކޮންމެ ލޯނަކަށް ވެސް ހަ ޕަސެންޓްގެ އިންޓަރެސްޓެއް ނަގަ އެވެ.
އެއްލައްކަ ރުފިޔާއާ ހަމައަށް ދޭ ލޯނު ދައްކަން ދެނީ ތިން އަހަރެވެ. އަދި ދެ މިލިއަނާ ހަމައަށް ދޫކުރާ ލޯނު ދެއްކުމަށް ދެނީ، ހަތް އަހަރެވެ.