Last Updated: July 11, 22:16
Saturday, July 11, 2026
މުނިފޫހިފިލުވުން

'އޭކް ދިން' ގެ ޓްރެއިލާ ދައްކާލައިފި

މެއި މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ބޮލީވުޑްގެ ފިލްމު 'އޭކް ދިން' ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

މި ފިލްމަކީ އާމިރު ޚާން ޕްރޮޑިއުސްކޮށް، އޭނަގެ ދަރިފުޅު ޖުނައިދު ޚާން ބަތަލުގެ ރޯލު ކުޅެފައިވާ ފިލްމެކެވެ. 'އޭކް ދިން' އަކީ ބައްޕަ ޕްރޮޑިއުސްކޮށް، ޖުނައިދު ކުޅުނު ދެވަނަ ފިލްމެވެ. ދެހާސް ސައުވީހުގައި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސްދިން 'މަހާރާޖް' އިން ތައާރަފުވި ޖުނައިދުގެ ދެވަނަ ފިލްމަކީ މިދިޔަ އަހަރުގެ ފެބްރުއަރީގައި ރިލީޒްކުރިި ލަވްޔާޕާ އެވެ.

މެއި މަހުގެ 1 ގައި ސިނަމާތަކަށް ގެންނަން ނިންމާފައި އޮތް 'އޭކް ދިން' ގެ ބަތަލާ އަކީ ދެކުނުގެ ބަތަލާއެއް ކަމަށްވާ ސައީ ޕައްލަވީ އެވެ.

ޖަޕާންގައި އެއްކޮށްހެން ޝޫޓްކޮށްފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ސުނިލް ޕާންޑޭ އެވެ. 'އޭކް ދިން' ހާއްސަވާ މުހިއްމު އެއް ސަބަބަކީ ދާދި ފަހުން ފިލްމުތަކަށް ލަވަކިޔުން ހުއްޓާލިކަން އިއުލާންކުރި މަޝްހޫރު ލަވަކިޔުންތެރިޔާ އަރިޖިތު ސިންގްގެ ކިޔާފައިވާ ލަވައެއް ވެސް މީގައި ހިމެނެ އެވެ.

ޓްރެއިލާގައި ވެސް އޭނަގެ އެ ލަވައިގެ އަޑު ވަރަށް ބޮޑަށް ހިމަނާފައިވެ އެވެ.