ފުވައްމުލަކުގެ މަގުތަކަކީ އެންމެނަށް އަމާން ރައްކާތެރި މަގުތަކަަކަށް ހެދުމަށް ހާއްސަ ހަރަކާތެއް ފުލުހުން ކުރިއަށް ގެންގޮސްފި އެވެ.
އިއްޔެ އެ ސިޓީ ފުލުހުން ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ފުވައްމުލަކުގެ އެކި ސަރަހައްދުތަކާއި މަގުތަކުން އާންމު ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތު ދީފައިވެ އެވެ. އެގޮތުން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި ވެހިކަލް ދުއްވުމުގަ އާއި މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައި ސަމާލުކަން ދޭން ޖެހޭ ކަންކަން ކިޔައިދީފައި ވެ އެވެ. އަދި އަވަހަށް ތަނަކަށް ދާން ޖެހުނު ކަމަށް ވިޔަސް ވެހިކަލްތައް ދުއްވުމަށް ކަނޑައަޅާފައިވާ ސްޕީޑަށް ވުރެ ބާރަށް ނުދުއްވުމަށާއި ފުރާނައިގެ މުހިންމުކަން އަންގައި ދިނުމުގެ އިތުރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ތަފާތު އެކި މައުލޫމާތު ދީފައިވެ އެވެ.
ތާރު އަޅައިގެން ގިނަ މަގުތަކެއް ހަދާފައިވާ އިރު، އެ ސިޓީގައި މިހާތަނަށް ނުރައްކާތެރު އެތައް އެކްސިޑެންޓެއް ހިނގާފައިވެ އެވެ. އެފަދަ ބައެއް ހާދިސާތަކުގައި ބައެއް މީހުންގެ ފުރާނަ ވެސް ގެއްލިފައިވެ އެވެ.
ފުވައްމުލަކުގައި ދޭތެރެ ދޭތެރެ އިން ފުލުހުން ޓްރެފިކް އޮޕަރޭޝަންތައް ވެސް ހިންގަމުން ދެ އެވެ.